އަދުލު އިންސާފު ގާއިމްކުރުމަށްޓަކައި ކޯޓުތަކުގެ އުމްރާނީ ތަރައްގީ އާއި ފަނޑިޔާރުންގެ ޒަރޫރީ ބޭނުންތައް ފުދިފައިހުރުން މުހިންމު ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
"ގަޟައީ އަހަރު 2023" އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ބައެއް ތަފާސްހިސާބުތައް ހާމަކުރައްވާފައެވެ. އެގޮތުން:
- 2018 ގައި ޝަރުއީ ދާއިރާ އަށް 440 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވޭ
- މި އަހަރު ޝަރުއީ ދާއިރާ އަށް 605 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވޭ
- އެއީ 35 ޕަސެންޓުގެ އިތުރުވުމެއް
ރައީސް ވިދާޅުވީ، އަދުލު އިންސާފު ގާއިމްކުރުމަށްޓަކައި ކޯޓުތަކަށް އުމްރާނީ ތަރައްގީ ގެނައުން މުހިންމު ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވި އިރު ވެސް ކޯޓުތަކުގެ ޖާގައިގެ ދަތިކަން ބޮޑުކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ދަތިކަމަށް ހައްލު ގެނައުމަށްޓަކައި މަޝްރޫއުތައް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެފަދަ މަޝްރޫއުތައް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ ބައެއް މަޝްރޫއުތަކަށް ހުލާސާކޮށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި:
- މާލޭގެ މަތީ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ހަދާ ކޯޓް ކޮމްޕްލެކްސް އިމާރާތުގެ ޑިޒައިން ނިންމައި، އިމާރާތްކުރަން ބަޔަކާ އަވަހަށް ހަވާލުކުރެވޭނެ
- އައްޑޫގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ ބީލަން މަރުހަލާ ނިމި، މިހާރު އޮތީ ބަޔަކާ ޙަވާލުކުރުމުގެ މަރުހަލާގައި
- ކްރިމިނަލް ކޯޓުގެ އިމާރާތަށް ހައްލެއް ހޯދުމަށް އެޗްޑީސީ އާ ވަނީ ހަވާލުކުރެވިފައި
ހަމަ އެއާއެކު، ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ފަނޑިޔާރުންގެ ނަޒާހަތްތެރިކަން މުހިންމު ކަމަށާއި، އެކަމަށްޓަކައި ފަނޑިޔާރުންގެ ޒަރޫރީ ބޭނުންތައް ކޮންމެހެން ހަމަޖެހިފައި ހުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ސަބަބުން މިކަމަށް ހައްލެއް ލިބިގެން ދާނެއެވެ.
މެޖިސްޓްރޭޓުންގެ މުސާރަ މި އަހަރު ބޮޑުކޮށްފައިވާއިރު، ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، މެޖިސްޓްރޭޓުންގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.