ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށް އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި މިހެން ވިދާޅުމާ ގުޅިގެން އެ ގުރޫޕްގެ ބައެއް މެމްބަރުން ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާފައެވެ.
އެގޮތުން އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ 2008 ވަނަ އަހަރު ރައީސް ނަޝީދާ އެކު ގާސިމް ހެއްދެވި ކޯލިޝަންގެ ހިތި ތަޖުރިބާ ގާސިމް ހަނދާން ހުންނާނެ ކަމަށެވެ.
ޝަރީފްގެ ވާހަކައަށް 'ފިނި ރައްދެއް' ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ފަހަތްޕުޅަށް ގާސިމް ވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. އަދި އެކަމަކީ އެމަނިކުފާނަށް ސަތޭކަ ޕަސެންޓް ޔަގީންވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. "ޝަރީފަށް މިކަމުގައި އެނގިލައްވާނީ ވަރަށް ކުޑަ މިންވަރެއް. މިފަހަރަކީ ގާސިމްގެ ރަނުގެ ފުރުސަތު. ތިބޭފުޅުން ރައީސް ސޯލިހަށް އޮޅުވާލައްވާ ސަނާކިއި ނަމަވެސް މީހުން ދެކޭގޮތް ވަރަށް ތަފާތު" ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު މީގެ ކުރިން ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ޖުމްހޫރީ ޕާޓީގެ ނަން އޮންނާނެ ކަމަށް ބުނެފައެވެ. އަދި އަންނަ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ޖުމްހޫރީ ޕާޓީއަކީ މިހާރުވެސް ރައީސް ސޯލިހުގެ ކޯލީޝަންގައި އޮތް ޕާތީއަކަށް ވާއިރު، ރިޔާސީ އިންތިހާބުގައި ކަންކުރާނެ ގޮތެއް ނިންމާނީ މިމަހުގެ 23 އިން 26 އަށް ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައެވެ.