އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލް އިދާރާގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފައިސާގެ މުއާމަލާތު ހިންގުމުގައި ގިނަ މަސައްލަތަކެއް ހުރިކަން ފާހަގަކޮށް އެ ކަންކަން އިސްލާހު ކުރުމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓްގައިވާ ގޮތުން ދިއްދޫ ކައުންސިލަށް 2021 ވަނަ އަހަރުގެ ފައިސާ ލިބޭ ކަންތައްތަކުގެ ދަފްތަރު ބަލަހައްޓާފައެއް ނުވެއެވެ. ދައުލަތު މާލިއްޔަތު ގަވައިދުގައިވާ ގޮތުން ދައުލަތަށް ފައިސާ ލިބޭ ކަންތައްތަކުގެ ތެރެއިން އެ އޮފީހަކަށް ފައިސާ ލިބޭ ކަންތައްތައް ދައުލަތުގެ އޮފީހުން ބަލަހައްޓަން ޖެހެއެވެ. އެހެންނަމަވެސް ދިއްދޫ ކައުންސިލް އިދާރާއިން މި ގޮތަށް އަމަލުކޮށްފައި ނުވާތީ އޮޑިޓް އޮފީހުންވަނީ މިކަން އިސްލާހު ކުރުމަށް އެ އިދާރާއަށް އަންގާފައެވެ.

މީގެ އިތުރުން ދިއްދޫ ކައުންސިލް އިދާރާއަށް ލިބޭ ފައިސާގެ ތަފްސީލް ހިމެނޭ ފޮތް އެ އިދާރާއިން ރަގަޅަށް ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އެ ރިޕޯޓްގައިވާ ގޮތުން މާލިއްޔަތު ގަވައިދާއި އެއްގޮތަށް އެ އޮފީހަކުން ލިބޭ ފައިސާ ބަލައިގަތުމަށް ފަހު ދުވަހު ފޮތުގައި ލިޔެގެން ނުވަތަ ފައިނޭންޝިއަލް ކޮންޓްރޯލާގެ ހުއްދައާއި އެކު އިލެކްޓްރޯނިކް ވަސީލަތްތަކުން ދުވަހުން ދުވަހަށް ހިސާބު ބަލަހައްޓަންޖެހެއެވެ. އަދި އެ ފައިސާއެއް ލިބުނުކަމާއި ދެއްކި ފަރާތާއި ދެއްކި އަދަދު އެނގޭނެ ގޮތަށް ބިލު ނުވަތަ ރަސީދު ނަންބަރާއެކު ލިޔެ އެ ދުވަހަށް ޖުމްލަ ކުރަންޖެހެއެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ދިއްދޫ ކައުންސިލް އިދާރާއިން މި ގޮތަށް އަމަލުކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ ދިއްދޫ ކައުންސިލް އިދާރާއަށް ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަަމަށެވެ. އަދި އެ އިދާރާއަށް ލިބޭ ފައިސާ ގިނަ ދުވަސްތަކެއް ވަންދެން ތިޖޫރީގައި ބަހައްޓާފައި ވާކަން ވަނީ ފާހަގަ ކޮށްފައެވެ. މި ގޮތުން 16 ފެބްރުއަރީ 2022 ވަނަ ދުވަހު އެ އިދާރާގެ ތިޖޫރީ ގުނިއިރު 240،455 ރުފިޔާ ބޭންކަށް ޖަމާނުކޮށް ހުރިކަން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ތިޖޫރީގައި ބަހައްޓާ ފައިސާ ޖަމާނުކޮށް އެ އިދާރާގެ ހަރަދުތަކަށް ބޭނުންކުރަމުން ދާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ. ބޭންކަށް ޖަމާކުރަން ޖެހޭ ފައިސާ ތިޖޫރީގައި ބެހެއްޓުމަކީ އެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުމަށް ހުޅުވިގެންދާ ދޮރެއްކަން ފާހަގަކޮށް އޮޑިޓް އޮފީހުން ވަނީ ކޮންމެ ދުވަހަކު ލިބޭ ފައިސާ ޖަމާކުރެވޭ ވަރަށް ވަގުތު އޮތްނަމަ އެ ދުވަހުން އެދުވަހަށް ޖަމާކުރުމަށް އަންގާފައެވެ،

މީގެ އިތުރުން ދިއްދޫ ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓްގައި ވަނީ ދައުލަތުގެ އާމްދަނީ ފައިސާ ގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ގެންގޮސްފައި ނުވާކަން ފާހަގަ ކޮށްފައެވެ. ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އަށް ދެއްކުމަށްޓަކައި މޯލްޑިވްސް މަނިޓަރީގައި އޮންނަ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައި ނުވާތީ އޮޑިޓް އޮފީހުން ވަނީ އެކަން އިސްލާހުކޮށް ޕަބްލިކް އެކައުންޓަށް ފައިސާ ޖަމާކުރުމަށް އަންގާފައެވެެ.

ދިއްދޫ ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައިވާ ކަންތައްތަކަކީ ކުއްޔަށް ދޫކުރާ ތަންތަނާއި ތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓިފައި ނެތުމާއި، ބޭންކް އެކައުންޓްގެ ބާކީ ބަލަހައްޓާފައި ނުވުމާއި ރިކޮންސިލިއޭޝަން ތައްޔާރު ކޮށްފައި ނުވުމާއި، ލިބެންޖެހޭ ފައިސާގެ ހިސާބު ބެލެހެއްޓިފައި ނުވުމާއި، ހަރުމުދަލާއި ހަރުމުދަލުގެ ލިޔެކިޔުންތައް މާލިއްޔަތު ގަވައިދާއި އެއްގޮތަށް ބެލެހެއްޓިފައި ނެތުމާއި، އިތުރު ގަޑީގެ ހާޒިރީގެ އިތުރުން އިތުރު ގަޑީޣެ ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވުމާއި މުވައްޒަފުންގެ ރަޖިސްޓްރީ ބަލަހައްޓާފައި ނުވުމެވެ. މީގެ އިތުރުން ރަށުގެ ފައިނޭންޝަލް ޕްލޭން އެކުލަވާލާފައި ނުވުމާއި ރައްޔިތުންނާއެކު ބާއްވަންޖެހޭ ބައެއް ބައްދަލުވުންތައް ބާއްވާފައި ނުވުމާއި ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި ނުވާއިރު ކައުންސިލްގެ އާންމު ބައްދަލުވުންތައް ގަވައިދުން ބާއްވާފައި ނުވެއެވެ.

މި ހުރިހާކަމަކަށް ރިއާޔަތްކޮށް އޮޑިޓް ރިޕޯޓްގައިވަނީ މިކަންކަން އިސްލާހުކޮށް މާލިއްޔަތު ގަވައިދާއި އެއްގޮތަށް އަމަލުކުރުމަށް ދިއްދޫ ކައުންސިލަށް ނަސޭހަތްތެރި ވެފައެވެ.