ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ފާރުން ބޯޑަރެއް މަގުމައްޗަށް ވެއްޓި، އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކަކަށް ގެއްލުން ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ތީމުގޭގެ ފާރު މަތިން ވެއްޓިފައި ވަނީ ގާތްގަނޑަކަށް ތިން ފޫޓު ފުޅާމިނުގެ ސިމެންތި ބޯޑަރެކެވެ. އެ ބޯޑަރުން ޖެހިި، ޕާކުކޮށްފައި ހުރި ރަތް ކުލައިގެ ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވެއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ތީމުގޭގެ ފާރުން ވެއްޓުނު ބޯޑަރުން ޖެހި، ފަސް ސައިކަލަކަށް ގެއްލުންވެފައިވާ ކަމަށެވެ.

ނަމަވެސް އެ ހާދިސާގައި މީހަކަށް ގެއްލުންވި ކަމެއް ނުވަތަ ނޫންކަމެއް ޔަގީނެއް ނޫނެވެ.

އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގެ މަތީ ކޯޓުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގާ ތީމުގެއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނު ދިރިއުޅުއްވަން 90 ގެ އަހަރުތަކުގައި އިމާރާތް ކުރެއްވި ރިޔާސީ ގަނޑުވަރެވެ.