ކާރިސާތައް ފަދަ ބޮޑެތި ހާދިސާތަކުގައި މީހުން ހޯދުމުގެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ މެކްސިކޯގެ ކުއްތާ ސްކޮޑް ތުރުކީއަށް ފޮނުވައިފިއެވެ.

މެކްސިކޯގެ "ހިތް" ކަމުގައި ބަލައިގެން އުޅޭ ކުއްތާ ސްކޮޑްގައި ހިމެނޭ 16 ކުއްތާ ތުރުކީގައި މަސައްކަތް ކުރާނެއެވެ. އެ ކުއްތާތަކާ އެކު، އެއެއްޗެހި ބަލަހައްޓާ މީހުންނާއި ރެޑް ކްރޮސްގެ 15 މެންބަރުންނާއި ފޮރިން މިނިސްޓްރީގެ 4 އޮފިޝަލުންވެސް ތުރުކީއަށް ދާނެއެވެ. މީގެ އިތުރުން ރެސްކިއު މަސައްކަތުގައި ހަރަކާތްތެރިވާ މެކްސިކޯ އާމީގެ ހާއްސަ ފައުޖެއްވެސް ތުރުކީއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މެކްސިކޯގެ ކުއްތާ ސްކޮޑަކީ، 2017 ގައި މެކްސިކޯއަށް އައި ބިންހެލުމުގައި އިމާރާތްތަކުގެ ދަށުވެ ތާށިވެފައި ތިބި އެތައް ބަޔަކު ހޯދާފައިވާ ކުޅަދާނަ ސްކޮޑެކެވެ.

މެކްސިކޯގެ "ހިތް" ކަމުގައިވާ ކުއްތާ ސްކޮޑްގެ ޔެލޯ ލެބްރޭޑާ ފްރިޑާ---

އެ ސްކޮޑްގެ އެންމެ ކާމިޔާބު އެއް ކުއްތާއަކީ ޔެލޯ ލެބްރޭޑާ ފްރިޑާ ކިޔާ ކުއްތާއެކެވެ. ކުއްތާ އަށް ހާއްސަ މާސްކު އަޅުވައި ބޫޓަށް އަރުވާފައި އޮންނަ އެ ކުއްތާ މިދިޔަ އަހަރު މަރުވުމުގެ ކުރިން، އެކިއެކި ކާރިސާތަކުގައި 2010 އިން 2019 އާ ދެމެދު ގެއްލުނު މީހުންގެ ތެރެއިން 43 މީހަކު ހޯދާފައި ވެއެވެ.

ތުރުކީއަށް ދާ މި ކުއްތާ ސްކޮޑްގައި ހިމެނެނީ، ބެލްޖިއަން މިލިނޮއިސް، އޮސްޓްރޭލިއަން ޝީޕްޑޯގްސް އާއި ލެބްރޭޑާސް އެވެ.

މިދިޔަ ހޯމަ ދުވަހަށް އަލިވިލެން ދަނިކޮށް ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 10،000 އާ ގާތް ކޮށްފިއެވެ. އޭގެ ތެރޭގައި ހިމެނެނީ ތުރުކީން މަރުވި 7108 މީހަކާއި ސީރިއާއިން މަރުވި 2530 މީހެކެވެ.

ތުރުކީ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުވި މީހަކު ނެރެގެން އޮފިޝަލުން ގެންދަނީ--

މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާއިރު، އެ މަސައްކަތުގައި 9000 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވަމުން އެބަދެއެވެ. ދުނިޔޭގެ އެކިއެކި ގައުމުތައް ހިމެނޭހެން މިހާރުވެސް އޮފިޝަލުންނާއި ރެސްކިއު ވޯކަރުން ތުރުކީއަށް ވަންނަމުން ދާ އިރު، އިންސާނީ އެހީއާއި ބޭސްފަރުވާއި، ވަގުތީ ހިޔާވަހިކަމަށް ބޭނުންވާ ޓެންޓާއި އެނދު ފޯރުކޮށްދިނުމުގެ އިތުރުން، ކަރަންޓެ ކެނޑިފައި ވާ ސަރަހައްދުރަކަށް ކަރަންޓް ދިނުމުގެ މަސައްކަތްވެސް ކުރަމުން އެބަދެއެވެ.

މެކްސިކޯގެ ކުއްތާ ސްކޮޑްގެ އިތުރުން ދެކުނު ކޮރެއާގެ ކުއްތާ ސްކޮޑްވެސް ތުރުކީއަށް ދިޔުމަށް ވަނީ ފުރާފައެވެ. އެ ސްކޮޑުގައި ފޮނުވާ ކުއްތާގެ އަދަދު ސާފު ނިވި ނަމަވެސް ރެސްކިއު މަސައްކަތުގައި ބައިވެރިވާން ދާ ޓީމުގައި 110 މީހުން ހިމެނެއެވެ.