ރައްޔިތުން މަޖިލީހުގެ މެންބަރުން ކުރާ ސުވާލުތަކަށް ތެދު ބަހުން ސާފުކޮށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް އަންގަވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ އަމީނީ މަގުގައި ހުރި ބޮޑެތި ގަސްތައް ވަނީ ކަނޑާލާފައި ކަމަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މާލޭގެ މަގުތައް ހަދާއިރު އެ މަގުތަކުގައި ހުރި ގަސްތައް ކެނޑުން ތޯ އައްސަވާފައެވެ. އަދި ގަސްތައް ނުކަނޑާ މަގުތައް ނުހެދެނީ ތޯ އާއި މާލޭ މަގުތައް ހަދާ ނިންމާއިރު ކިހާ އަދަދެއްގެ ގަހެއް ކެނޑުމަށް ޕްލޭން ކުރެވިފައިވޭތޯ ވެސް ހަސަން އެއްސެވިއެވެ.
އެކަމާ ގުޅިގެން އަސްލަމް ވިދާޅުވީ އަމީނީ މަގު ހެދެމުންދާއިރު ގިނަ ގަސްތަކަކީ އޮފިއެލޭ ގަސްތައް ކަމުން ޑީވޯޓަރިން ހޮޅިއާއި ފާހާނާ ހޮޅިތަކާއި ހައިވޯޓޭޖް ކޭބަލްތަކާއި އެހެން ތަންތަނުން ލާފާ ހުރި ހޮޅިތައް އަޑިއަށްލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި އޮފި އެލޭ ގަސްތަކަކީ މޫތައް މުޅި ސަރަހައްދަށް ފެތުރޭ ގަސްތަކެއް ކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ ފަލަމިން 30 ސެންޓިމޭޓަރަށްވުރެ ފަލަވުމުން ކާނުތާ ޕޭވްމެންޓްތަކަށްވެސް ހަލާކުވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ އެކަން ކުރަނީ ސަރުކާރުގެ ސިޔާސަތުގެ ދަށަކުންނެއް ނޫން ކަމަށާއި ނެގި ގަސްތައް ހުޅުމާލެ އާއި ކުޑަގިރީގައި އިންދާފައިވާ ކަމަށެވެ.
ހަސަން ލަތީފް އިތުރަށް ކުރެއްވި ސުވާލުގައި ވަނީ އަމީނީ މަގު އެއްކޮށް ހަދާ ނިންމަން ކޮންޓްރެކްޓުގައި އޮތީ ކިހާ މުއްދަތެއް ކަމަށާއި ރައީސް ސޯލިހުގެ ދައުރުގެ ނިމޭއިރު ހަދަން ޕްލޭންކޮށްފައި ވަނީ މާލޭގެ ކިތައް މަގުތޯ އައްސަވާފައެވެ. އަދި އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދަނީ ކޮންސަލްޓެންޓުގެ ލަފަޔާ އެއްގޮތަށް ތޯ އާއި މާލޭގައި ހަދަން ކަނޑައަޅާފައިވާ މަގުތަކަށް ބޭނުންވާ ހުރިހާ ތަކެތި މާލެ ގެނެސްފިތޯ ހަސަން ވަނީ ސުވާލުކުރައްވާފައެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ކުރިން އެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީހަކީ ފެބްރުއަރީ މަސްކަމުގައި ވިޔަސް ދެން އެ މަސައްކަތް ނިންމޭނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ. އަދި މަގު ހެދުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑަބްލިއުއެސްސީއަށް ބޭނުންވާ ހޮޅިތައް ފޯރުކޮށްނުދެވުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
އެ ޖަވާބާއެކު ހަސަން ލަތީފް ނިޒާމީ ނުކުތާ ނެންގެވީ އަމީނީ މަގު މަޝްރޫއު ކުރިއަށްދަނީ ކޮންސަލްޓަންޓުގެ ލަފައާ އެއްގޮތަށްތޯ އާއި މަގު ހަދަން ބޭނުންވާ ހުރިހާ ސާމާނެއް ލިބިއްޖެތޯ އަދި މި ދައުރުގައި ނިމޭނީ ކިތައް މަގުގެ މަޝްރޫއުތޯ ކުރި ސުވާލަށް ޖަވާބު ނުލިބިގެންނެވެ.
އެކަމާ ގުޅިގެން ނަޝީދު ވަނީ ވަޒީރުން މެންބަރުން ކުރައްވާ ސުވާލުތަކަށް ސާފު ޖަވާބެއް ސާފުކޮށް ދެއްވުމާއި އިތުރު ވާހަކަތައް މަދުކުރުން އެދިވަޑައިގެންފައެވެ. އަދި އަސްލަމް ވަނީ އޭނާގެ ގާބިލުކަން ހުރި މިންވަރުން ސުވާލުތަކަށް ޖަވާބު ދެމުންދާ ކަމަށް ވިދާޅުވެފައެވެ.
އެއަށްފަހު އަސްލަމްގެ ގާބިލުކަން މިކަމުގެ ތެރެއަށް ވަނުމަކީ އެއީ ބޭނުންތެރި ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން އަސްލަމް ވަނީ އެކަމަށް ރައްދުދެއްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ. އެއާއެކު ނިޒާމީ ނުކުތާއެއް ނަންގަވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވަނީ މަޖިލީހުން މިހާރު ވަޒީރުން ހާޒިރުކޮށްގެން އެމީހުން ހާރުވައި، ރޭރުކުރަން ނުކުރުމަށް ވިދާޅުވެފައެވެ.
މަވޯޓާ ޝަރީފޫ ތިހާވަރަށް ތި ތެޅިބާލަނީ މި ކޮރަޕްޝަން ސަރުކާރުން ކިހާޥާރެއް ދީގެން ބާ؟ އަހަރެން ވަރަށް ރަނގަޅަށް ދަންނަ މީހެއްތީ ލާރީގެ ދަހިވެތި ކަމުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްލާނެ ޤިޔާމަތެއް އާޚިރަތެއްވެސް ހަދާނެއް ނުވާނުބައި މީހެއް ތީ