މިދިޔަ ހޯމަ ދުވަހު ތުރުކީއާއި ސީރިއާގެ ބައެއް ސަރަހައްދުތަކުގައި އައި ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތެއްގައި ދަށުގައި ތާށިވި ތުރުކީގެ ހަޓޭސްޕޯއަށް ކުޅޭ ގާނާގެ ފޯވަޑް ކްރިސްޓިއަން އަޓްސޫ ސަލާމަތްކޮށްފިއެވެ.

ޙޯމަދުވަހުގެ ބިންހެލުމަށް ފަހު އަޓްސޫ ގެއްލިގެން އުޅޭ ކަން ކްލަބުން ހާމަކުރި އިރު އޭނާ އިމާރާތެއްގެ ދަށުން ސަލާމަތްކޮށްފައިވާ ކަން ހަޓޭސްޕޯގެ ނައިބު ރައީސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. އުމުރުން 31 އަހަރުގެ އަޓްސޫ ސަލާމަތްކުރި އިރު އޭނާއަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ކްލަބުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އަނިޔާތަކުގެ ތަފްސީލެއް ކްލަބަކުން ނުދެއެވެ.

އަޓްސޫ ޓީމަށް އެންމެ ފަހުން ކުޅެދިން މެޗުގައި ވެސް ވަނީ ލަނޑެއް ޖަހާ ދީފައި/ފޮޓޯ: ޓުވިޓާ

އެންމެ ފަހުން 2019 ވަނަ އަހަރު ގާނާގެ ގައުމީ ޓީމަށް ކުޅުނު އަޓްސޫ މީގެ ކުރިން ވަނީ އިންގްލިޝް ޕްރިމިއާ ލީގުގެ ނިއު ކާސަލް އަދި އެވަޓަންއަށް ވެސް ކުޅެދީފައެވެ. އޭނާ ތުރުކީގެ ހަޓޭސްޕޯއާ ގުޅުނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އޭނާ ވަނީ މިދިޔަ އާދިއްތަ ދުވަހު އެޓީމުން ތުރުކީ ލީގުގައި ކުޅުނު މެޗުގެ 97 ވަނަ މިނެޓްގައި ލަނޑެއް ޖަހާ 1-0 އިން ޓީމަށް އެ މެޗު ކާމިޔާބުކޮށް ދީފައެވެ.

ހަޓޭސްޕޯއިން އިތުރަށް ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުން ކްލަބްގެ ގިނަ ކުޅުންތެރިންނާއި އޮފިޝަލުން ސަލާމަތްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އަދި ވެސް ބައެއް އިސް އޮފިޝަލުން ހޯދަމުންދާ ކަމަށެވެ.

ހޯމަ ދުވަހުގެ ބިންހެލުމުގައި 50،000 މީހުން މަރުވެފައިވާ ކަމަށް އެންމެ ފަހުގެ ރިޕޯޓްތައް ބުނެއެވެ.