ކޮވިޑް ރިކަވަރީ ލޯން ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެ ކްރެޑިޓް އެސެސް ކުރުމުގައި އެއްއޯޔޫގައި ކަނޑައަޅާފަިއވާ މިންގަނޑުތަކަށް އިސްކަން ނުދީ ވިޔަފާރިތަކަށާއި ރިސޯޓްތަކަށް ދޫކުރި ލޯން އަނބުރާ ނުލިބުމުގެ ހިރާސް އޮތް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓު އޮފީހުން މިހެން ބުނެފައި ވަނީ، ކޮވިޑް ރިކަވަރީ ސްކީމްތަކުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކާއި ރިސޯޓްތަކަށް ދޫކޮށްފައިވާ ލޯންތަކާ ގުޅޭ ގޮތުން ހެދި ޕާފޯމަންސް އޮޑިޓް ރިޕޯޓްގައެވެ.

  • ބީއެމްއެލަށް ލޯނަށް އެދި ހުށަހަހެޅީ: 602 ފަރާތެއް
  • ޝަރުތު ހަމަވާ ކަމަށް ބުނެ އެޕްރޫވް ކުރީ: 441 ފަރާތެއް
  • މާޗް 31، 2021 ގެ ލޯން ދޫކުރީ: 419 ފަރާތަކަށް
  • ލޯނުގެ ގޮތުގައި ދޫކުރުމަށް ބީއެމްއެލަށް ލިބުނު ފަންޑް: 1.6 ބިލިއަން ރުފިޔާ
  • ފާސްކުރި އެޕްލިކޭޝަނަށް ދޫކުރީ: 585،852،848 ރުފިޔާ އަދި 8 މިލިއަން ޑޮލަރު

އެ ރިޕޯޓްގައި ބުނާ ގޮތުގައި، ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކްރެޑިޓް އެސެސް ކުރުމުގައި އިސްކަންދޭން ޖެހޭ ކަމަށް އެމްއޯޔޫގައި ކަނޑައަޅައިފައިވާ ޝަރުތުތަކަށް ރިއާޔަތް ކޮށްފައެއް ނުވެއެވެ. އިސްކަންދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކުގެ ތެރޭގައި ވިޔަފާރީގެ މާލީ ހާލަތު ދެނެގަތުމަށް މުހިންމު ޝަރުތުތަކެއް ހިމަނާފައި ވެއެވެ. ނަމަވެސް އެ ކަންތައްތަކަށް ރިއާޔަތް ނުކޮށް، ލޯން އެޕްރޫވް ކޮށްފައި ވަނީ ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި އިސްކަން ދޭންޖެހޭ ހާލަތްތަކުގައި ބަލަން ކަނޑައަޅާފައިވާ ޝަރުތުތަކަކަށް ވެފައި، އެފަދަ ހާލަތެއް މެދުވެރި ނުވާތީ އާއި ކޮވިޑް-19 ގެ ސަބަބުން ނޭދެވޭ އަސަރުކޮށްފައިވާ ގިނަ ފަރާތްތަކަކަށް މާލީ އެހީ ފޯރުކޮށް ދިނުމުގެ މަގުސަދުގައި ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ބުނެފައިވާ ކަމަށެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ދޫކުރި އިކޮނޮމިކް ރިލީޕް ޕެކޭޖްގެ ތަފްސީލް

އެގޮތުން، އެޕްރޫވް ކުރި 441 ލޯނުގެ ތެރެއިން އޮޑިޓުގައި ބެލި 50 ސާމްޕަލްގެ ތެރެއިން 22 ޕަސެންޓް ވިޔަފާރިއެއްގެ މާލީ އިދާރާއެއްގައި ދައްކަން ޖެހި ނުދައްކާ ހުރި ލޯން ހުރި ކަމަށް ދައްކާ ކަމަށް އޮޑިޓުގައި ބުނެއެވެ. ހަމައެއާއެކު 2019 ވަނަ އަހަރު ވިޔަފާރިން ގެއްލުން ވެފައިވާ 66 ޕަސެންޓް ވިޔަފާރިއެއް އިވެލުއޭޝަނުން ފާހަގަވި ނަމަވެސް، އެ ފަރާތްތަކަށް ލޯން އެޕްރޫވްކޮށްފައި ވާ ކަމަށް ވެސް ބުނެއެވެ.

  • މާލީ އިދާރާއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ 4 ރިސޯޓާއި އެހެނިހެން 8 ވިޔާފަރި ހިމެނޭ އިރު، މި ފަރާތްތަކުން ލޯނަށް ނުދައްކާ ހުރި ފައިސާގެ އަދަދު 38 މިލިއަން ރުފިޔާއަށް އަރާ
  • 2019 ވަނަ އަހަރު ވިޔަފާރިން ގެއްލުން ލިބުނު 19 ރިސޯޓަކަާއި އެހެނިހެން 14 ވިޔަފާރި ހިމެނޭ އިރު، މި ހުރިހާ ތަނަކުން ގެއްލުންވެފައިވާ އަދަދު 159.99 މިލިއަނަށް އަރާ

ލޯން އެޕްލިކޭޝަންތައް އެސެސް ކުރި އިރު ކުރިން ނަގާފައިވާ ލޯނަކަށް ފައިސާ ދައްކަމުން ނުދާ ކަން ކަށަވަރު ކުރުމަށް ބީއެމްއެލުން ބަރޯސާ ވެފައި ވަނީ، އެމްއެމްއޭއިން ގާއިމް ކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމުން ޖެނެރޭޓް ކުރާ ކޮންސިއުމާ ކޮމްޕްރިހެންސިވް (ސީއައިއާރް) ކްރެޑިޓް ރިޕޯޓަށެވެ. ނަމަވެސް އެ ރިޕޯޓަކީ އަދާ ހަމަނުވާ ރިޕޯޓެއް ކަން ފާހާގަކުރަމުން އޮޑިޓުން ބުނީ، ލޯނަށް ހުށަހެޅި މީހަކު ލޯނެއް ނަގާފައި އޮތް ކަމުގެ މައުލޫމާތު އެ ރިޕޯޓުގައި އޮތް ނަމަވެސް ލޯނަށް އެންމެ ފަހުން އެމީހަކު ފައިސާ ދެއްކި މުއްދަތު އަދި ރަހުނާ ބެހޭ މައުލޫމާތު ފަދަ މުހިއްމު ބައެއް މައުލޫމާތުުައް އެ ރިޕޯޓުގައި ނެތް ކަމަށެވެ.

މި ސްކީމުގެ ދަށުން ލޯނު ދޫކޮށްފައި ވަނީ ސެކިއުރިޓީއެއް ބަހައްޓަން ނުޖެހޭ ގޮތަށް ކަމުގައި ވާ އިރު، އެފަދަ ލިޔުމާއި މައުލޫމާތު ލޯނު އިވެލުއޭޝަން މަރުހަލާގައި ހޯދުމަށްފަހު ވެސް، އެފަދަ ޝަރުތުތަކަށް ރިއާޔަތް ނުކޮށް ލޯނު އެޕްރޫވް ކުރުމަކީ ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ އަނބުރާ ނުލިބުމުގެ ހިރާސް އޮތްކަމެއް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އެގޮތުން، ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ނޮން-ޕާފޯމިން އެސެޓްސް (އެންޕީއޭ) އެސެސް ކުރުމުގައި ވިޔަފާރިތަކުގެ މާލީ ހާލަތާ ގުޅޭ ހުރިހާ މައުލޫމާތުތަކަށް ރިއާޔަތް ނުކޮށް، ލޯން އެޕްރޫވް ކުރުމުގެ ސަބަބުން ލޯނު ދެއްކުމުގެ ގާބިލްކަން ނެތް ފަރާތްތަކަށް ލޯނު އެޕްރޫވް ވެފައިވެއެވެ.

މިފަދަ ލޯނު ސްކީމްތައް ދޫކުރުމުގައި ލޯނަށް އެންމެ ބޭނުންޖެހިފައިވާ ވިޔަފާރިތަކަށް ލޯނު ދެވޭނޭހެން ލޯނުގެ ޝަރުތުތައް ކަނޑަ އެޅުމަށް އޮޑިޓު ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ. ކަސްޓަމަރުންގެ މާލީ ގާބިލްކަން ވަޒަން ކުރުމަށް މާލީ އިދާރާތަކުން އާންމު އުސޫލުގެ ތެރެއިން ބަލަމުން ގެންދާ މިންގަނޑުތަކާ އެއްގޮތަށް ކްރެޑިޓް އެސެސް ނުކުރަން ނިންމާ ނަމަ، ފައިސާ އަނބުރާ ލިބޭނެކަން ޔަގީން ކުރެވޭ ފަދަ އިތުރު ފިޔަވަޅުތައް ކަނޑައެޅުމަށް ވެސް ވަނީ ލަފާ ދިފައެވެ.

މީގެ އިތުރުން ލޯނު ދޫކުރުމަށް ލުއި ޝަރުތުތަކެއް ކަނޑައަޅާފައި ވުމުގެ ސަބަބުން ލޯނު ހައްގު ނުވާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ނެގުމަށް އޮންނަ މަގުތައް ބަންދުކޮށް، އިތުރު ކޮންޓްރޯލްތައް ހިމަނައިގެން ޝަރުތުތައް ކަނޑައެޅުމަށް ފިނޭންސަށް އޮޑިޓު އޮފީހުން ވަނީ އަންގާފައެވެ.