އިރާގްގެ ރައްޔިތެއް ކަމަށްވާ ޑރ. މާލާ އަލީ ކުރުދިސްތާނީ އަކީ ބައެއް މީހުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މީހަކަށް ވިޔަސް އޭނާއާ ގުޅިގެން ތުހުމަތުތަކެއް ވެސް ކުރެއެވެ.

ދިގު އުމުރަކަށް ފަރުވާ ހޯދާ ބަލިތަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަރުވާދީ ރަނގަޅުކޮށްލާ ކަމަށް އޭނާ ބުނާއިރު އެފަދަ ކަންކަން އޭނާ ހިއްސާކުރާ ވީޑިއޯތައް ވެސް ފެނެއެވެ. މާލާ މީހުންނަށް ފަރުވާދޭއިރު ޤުރުއާން ވެސް ކިޔަވައެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު މާލާ ރާއްޖެ އައިސް ރާއްޖޭގައި ތިބި އަޑު ނީވޭ މީހުންނަށާއި ވާހަކަ ނުދެއްކޭ މީހުންނަށް އޭނާ ފަރުވާދޭ ވީޑިއޯތައްވެސް އަންނަނީ ދައުރުވަމުންނެވެ. އަދި މާލާ ފަރުވާ ދެނީ ހިލޭ ސާބަހަށް ކަމަށް ބުނާ އިރު އެ ދަތުރުގައި މާލާ ރާއްޖޭގެ އެކި ރަށްރަށަށް ގޮސްފައި ވެސް ވެއެވެ. އޭނާ ދިޔަ ރަށްތައް އަދި ސާފުވާ ގޮތެއް ނުވެއެވެ.

https://fb.watch/iye-5lFWYM/

މާލާ ހިއްސާކޮށްފައިވާ ވީޑިއޯ / ފޮޓޯތަކުން ފެންނަނީ ދިވެހިންގެ ބަޔަކު މާލާ ކޮށްދިން ފަރުވާ ބަލައިގަނެ އެކަމުގެ ހަދާނީ ލިޔުމެއް ދޭ މަންޒަރެވެ.

މާލާ ދެމުން ގެންދާ ފަރުވާއާ ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުން ދާއިރު އެކަން ބަލައިދިނުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން ސަލަފުގެ އިސް ހަރަކާތްތެރިޔާ އަލީ ރަމީޒު ވަނީ މާލާއާ ދޭތެރޭ ސަމާލުވާން ޖެހޭ ކަމަށާއި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން އެމީހާ ކުރަމުން ގެންދާ ކަންތައްތައް ބެލުމަށް ގޮވާލާފައެވެ. އަދި ޝައިހް ފަޒްލޫން ވެސް ވަނީ ވަގުތުން، އެއް ދުވަހުން، އެއް ހަފްތާއިން، ނުވަތަ އެނޫންވެސް މުއްދަތެއް ކަނޑައަޅާފައި އެވެނި މިވެނި ކަމެއް ރުގްޔާކޮށްގެން ރަނގަޅު ކޮށްދޭ ކަމަށް މީހަކު ބުނާނަމަ އެމީހެކީ ސިހުރުވެރިއެއްކަން ޔަގީން ކުރުމަށް ގޮވާލައްވާފައެވެ.

މާލާ އެހެން މީހަކާއެކީގައި/ ފޭސްބުކް ފޮޓޯ: މާލާ

މީގެ ފަސް ދުވަސް ކުރިން މާލާ ރާއްޖެއިން ފުރާފައި ވާއިރު އެ މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީގެ ތަރުޖަމާން އައިމިނަތު ސަތުފާ "ދަ ޕްރެސް" އަށް ވިދާޅުވީ މާލާ ރާއްޖޭގައި އެކަމެއް ކުރީ މިނިސްޓްރީގެ ހުއްދައާ ނުލާ ކަމަށާއި އެއީ ރާއްޖޭގައި މަސައްކަތް ކުރާ މީހެއް ނޫން ކަމަށެވެ.

ބެލެވޭ ގޮތުގައި ޓޫރިސްޓު ވިސާގައި މާލާ ރާއްޖެ އައިސް ގޭގެއަށް ގޮސް އެކަން ކޮށްފައި ވާއިރު މާލާ ރާއްޖެ އައިކަން މިނިސްޓްރީއަށް އެނގުނީ މިއަދު ވީޑިއޯތަކާއި ފޮޓޯތައް ދައުރުވާން ފެށުމުން ކަމަށް ސަތުފާ ވިދާޅުވިއެވެ.

ސަތުފާ ވަނީ މީހުން އެކަންކަމަށް ހޭލުންތެރިވެ، ރިޕޯޓުކުރުން މުހިއްމުކަން ފާހަގަކުރައްވައި ރުގްޔާ އާއި އެހެނިހެން ސިއްހަތާ ގުޅުން ހުރި ހުރިހާ ކަމެއްވެސް ކުރެވޭނީ މިނިސްޓްރީގެ ހުއްދައާއެކު ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް "ދަ ޕްރެސް" މަސައްކަތް ކުރި ނަމަވެސް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މާލާ ދިވެހިންނަށް ދިން ފަރުވާގެ ބަލައިގަނެ ހަނދާނީ ލިޔުން ދެނީ / ފޭސްބުކް ފޮޓޯ: މާލާ

2021 ވަނަ އަހަރުގެ ތެރޭގައި އެމްއެމް ނިއުސް ކިޔާ ސައިޓެއްގައި ރިޕޯޓުކޮށްފައިވާ ގޮތުން މާލާ ފުރަތަމަ ވަޒީފާ އަދާކުރީ އިރާގުގެ މިސްކިތެއްގައެވެ. ނަމަވެސް އެ ވަޒީފާއަށް ފަރުވާތެރި ވެފަައި ނުވާތީ އޭނާ ވަޒީފާއިން ވަކިކުރިއެވެ.

އެއަށްފަހު އޭނާ ފެށީ މީހުންނަށް ފަރުވާ ދޭށެވެ. ފަރުވާގެ މަސައްކަތް ފަށާ އިރާގުގެ އިތުރުން ޕާކިސްތާނުގައި އޭނާ މަޝްހޫރުވި އިރު ތުރުކީއަށް ގޮސް އެތާ ފްރޯޑެއް ހިންގި މައްސަލައެއްގައި މީގެ ކުރިން ވަނީ ހައްޔަރުވެސް ކޮށްފައެވެ. އަދި ސައުދީއަށް ގޮސް އެތާނގައި ދެމުން ގެންދިޔަ އެޒާތުގެ ފަރުވާއާ ގުޅިގެން އޭނާ ހައްޔަރުކޮށް ޑީޕޯޓުވެސް ކޮށްލިއެވެ.

މީގެ ކުރިން މާލާ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ދިގު މުއްދަތުން ރަނގަޅު ކުރެވޭ ބަލިތައް ރޫހާނީ ފަރުވާ ދީގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަނގަޅު ކުރާ ކަމަށް ބުނެފައެވެ.

ބައެއް މީހުންނަށް އޭނާ ކަމުދާ އިރު، އަނެއްބަޔަކަށް ކަމަކު ނުދެއެވެ. މީގެ ކުރިން ހިކެން ބޭނުން ވެގެން މާލާ ކައިރިއަށް ދިޔަ މީހަކަށް ޓިޝޫތަކެއް ކާންދިން ކަމަށް އެމްއެމް ނިއުސްގައި ބުނެފައި ވާއިރު އެ ޓިޝޫތައް ކައިގެން އެ މިހާ ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން އެއީ މާލާ ބުނި ގޮތަށް ނުކެއުމުން ދިމާވި ކަމެއް ކަމަށް ވެސާ ރިޕޯޓްކޮށްފަައި ވެއެވެ.

މާލާ އޭނާގެ އަނބިމީހާއާއެކު/ ފޭސްބުކް ފޮޓޯ: މާލާ

މާލާ ކައިރިއަށް ފަރުވާ ހޯދަން ދިޔަ އިތުރު މީހެެއްގެ ފައިގައި ދަނޑިބުރިއަކުން ތަޅިކަމަށް ވެސް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވާއިރު 2017 ވަނަ އަހަރު މާލާ ވަނީ އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޖިންނީގެ ހިޔަނި މީހެއްގެ ގައިގަައި ހުރިކަމަށް ބުނެ ފަރުވާ ދެވޭނީ ފައިގެ ފަލަމަސްގަނޑުގައި ދަނޑިން ތަޅައިގެން ކަމަށް ވެސް ބުނެފައެވެ.

އެއްފަހަރަކު މަޝްހޫރު ޑޮކްޓަރަކާއެކު މާލާ ބައިވެރިވި ޓީވީ އިންޓަވިއުއެއްގައި އޭނާ ވަނީ އެކްސްރޭ ބަލައިގެން މީހުންގެ ބަލި ދެނެގަނެވޭނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ޑޮކްޓަރު ވަގުތުން މާލާއަށް އެކްސްރޭ އެއް ދިން ނަމަވެސް އެކަން ވެފައި ނުވާ ކަމަށްވެއެވެ.

މިފަދަ އެތައް ހާދިސާތަކެއް ފެންމަތިވެފައި ވާއިރު މާލާ ދެމުން ގެންދާ ފަރުވާއާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދާއިރު ގިނަ ބަޔަކު ވަނީ އޭނާގެ ގާތަށް ފަރުވާ ހޯދަންވެސް ގޮސްފައެވެ.