ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި 4 ފަހަރު އިންގްލިޝް ޕްރިމިއާ ލީގު ތަށި ހޯދި މެންޗެސްޓާ ސިޓީއިން ލީގުގެ މާލީ ގަވައިދުތަކާ އެތަށް ފަހަރެއްގެ މަތިން ހިލާފުވެފައިވާ ކަމަށް ބުނެ ލީގުން ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ޕްރިމިއާ ލީގުން ވަނީ ސިޓީގެ މައްސަލަތައް ތަހްގީގު ކުރުމަށް މިނިވަން ކޮމިޝަނެއް އުފައްދާ އެކޮމިޝަނާ އެމަސައްކަތް ހަވާލުކޮށްފައެވެ. އަދި 2009 އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ސިޓީން 100 އަށް ވުރެ ގިނަ ފަހަރެއްގެ މަތިން ލީގުގެ މާލީ ގަވައިދުތަކާ ހިލާފުވެފައިވާ ކަމަށް ޕްރިމިއާ ލީގުން ވަނީ ބުނެފައެވެ.
ލީގުން އިތުރަށް ބުނީ 2018 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ތަހްގީގަށް ސިޓީން އެކަށީގެންވާ އެއްބާރުލުން ވެސް ދީފައި ނުވާ ކަމަށެވެ.
ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް ސިޓީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ޕްރިމިއާ ލީގުން އެޓީމާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކާ މެދު ހައިރާންވާ ކަމަށާ ހާއްސަ ގޮތެއްގައި ސިޓީގެ ފަރާތުން ލީގުގެ އިސް އޮފިޝަލުންނަށް ކްބަލްގެ ތަފްސީލީ ލިޔެކިއުންތައް ހުށަހެޅުމުން ވެސް މިފަދަ ތުހުމަތުތަކެއް ކުރުމުން ހައިރާންވާ ކަމަށެވެ.
ސިޓީން ބުނީ މިކަމުގައި މިނިވަން ކޮމިޝަނަކުން ތަހްގީގުކޮށްފައިވާތީ އުފާ ކުރާ ކަމަށާ ތުުހުމަތުތަކަށް އެދެވޭ ޖަވާބު ލިބި މިކަން ނިންމާލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ސިޓީއާ ދެކޮޅަށް ތުހުމަތުތައް ކުރި ކޮމިޝަނަށް ސިޓީއަށް އެކި ވަރުގެ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވެއެވެ. މީގެ ތެރޭގައި ޖޫރިމަނާއެއް ދެއްކުން، ޕޮއިންޓް ކެނޑުމުގެ އިތުރުން ލީގުން ބޭރުކޮށްލުން ވެސް ހިމެނެއެވެ.
އެހެން ނަމަވެސް މިމައްސަލައިގައި ސިޓީއާ ދެކޮޅަށް އަވަހަށް ފިޔަވަޅު އަޅާނެ ކަމަށް ނުބެލެވެއެވެ. އަދި އަހަރުތަކަކަށް މިކަން ދެމިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.