މިއަދު ރިޔާސީ ބަޔާން އިއްވި ވަގުތު އިދިކޮޅުން މަގުމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އަނިޔާވި ޗެނަލް 13 ގެ ނޫސްވެރިޔާ، ހަސަން ޝަހީދުގެ ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމަށާއި އިތުރު ފަރުވާއަށް ބޭރަށް ގެންދަން ތައްޔާރުވަމުންދާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން ބުނީ މަގުމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް މުޒާހަރާގައި ބައިވެރިންނަށް ފުލުހުން އަނިޔާކޮށް، ޕެޕާ ސްޕްރޭ ޖެހުމާއި ނޫސްވެރިންނަށް އަނިޔާ ކުރުން ވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މިއަދުގެ މުޒާހަރާގައި ޗެނަލް13 ގެ 2 ނޫސްވެރިޔަކަށާއި އާންމުންގެ ހަތް މީހަކަށް އަނިޔާ ލިބި ހޮސްޕިޓަލްގައި ފަރުވާ ދީފައި ވާ އިރު އަނިޔާ ލިބުނު ޝަހީދަށް އޭޑީކެގެ އައިސީޔޫގައި ފަރުވާދީފައިވެއެވެ. އޭނާގެ ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ޕީޕީއެމްއިން ބުނެއެވެ.
ޕީޕީއެމްއިން ބުނީ ބޮލުގައި ޝީލްޑުން ޖެހި މަގުމައްޗަށް އޭނާ ވެއްޓި ހޭނެތުމުނު ކަމަށާއި ފަރުވާ ދިނުމަށް ފަހު މިހާރު ހޭ އަރާފައި ވީނަމަވެސް ޝަހީދުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި މީގެ 2 ހަފްތާ ކުރިން ފުލުހުންގެ ފަރާތުން ޝަހީދަށް ބިރުދައްކާ އިންޒާރު ދީފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ޕީޕީއެމްއިން ބުނެއެވެ.
މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވީ ގާނޫނު އަސާސީއާ ހިލާފަށްކަން ފާހަގަކޮށް ޕީޕީއެމްއިން ބުނީ މަޖިލީހުން މެންބަރުން ނެރުމުގައި މަޖިލިސް މެންބަރުންގެ ގަޔަށް އަތްލާ އަނިޔާކޮށްފައި ވާއިރު ބައެއް މެންބަރުންގެ ހެދުން ވީދި ގައިން ލޭ އޮހޮރިގެން ގޮސްފައިވާ ކަމަށެވެ.
ޗެނަލް 13 ގެ ދެ ނޫސްވެރިޔަކަށް އަނިޔާ ވި އިރު، ޕެޕާސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ވަނީ ކޮށްފައެވެ.
މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯޖާނަލިސްޓަށް އަނިޔާ ވި ވަގުތު އެމީހުންގެ ގައިމަތިން ފުލުހުން ދުވުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުޒާހަރާތައް ރޫޅާލުމާއި ބާރުގެ ބޭނުން ކުރާ އިރު ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްޖޭއޭ އިން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.
ޗެނަލް 13 ގެ 2 ނޫސްވެރިއަކަށް އަނިޔާވި އިރު، މުޒާހަރާގެ ބައިވެރިން ވަނީ ވީޓީވީގެ ނޫސްވެރިއަކަށް ފުރައްސާރަ ކޮށް އޭނާއާ ދިމާއަށް ފެންފުޅި އުކާފައެވެ.
އޭނަ މަރުވެއްޖެނަމަ ޒިޢްމާ ނަގާނީ ކާކުބަ އެއީ ވެރިމީހާގެ ހެޔޮފުޅުކަންތޯ އެއީތޯ އޯގާތެރިވުމާ އދި މަސްލަހަތަކީވެސް