އަންނަ ޖޫން މަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ގާނޫނު ނަންބަރު 8/2010 ގެ ދަށުން އެކުލަވާލަންޖެހިފައި އޮތް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލަން ނިންމާފައި ވާ ކަމަށާއި އަންނަ ޖޫންމަހުގެ ތެރޭގައި އެ ފަރާތްތަކަށް ދޭޭ އެލަވަންސް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ހިދުމަތްތަކަށް ވަކި ސެންޓަރެއް ހަދާފައިވާ ކަމަށާއި މި ހަފްތާ ތެރޭ ހުޅުމާލޭގައި ގާއިމްކުރި އެ ސެންޓަރު ހުޅުވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަން ރައީސް ޕޯޑިއަމްކޮޅުގައި ހުންނެވި އިރު ރިޔާސަތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މިދިޔަ މަހުގެ ކުރީކޮޅު 2022 ވަނަ އަހަރުގެ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަލިފުށީ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް ނުކުޅެދުންތެރިކަން ހުންނަް ފަރާތްތަކަށް ދޭ އެލަވަންސް ބޮޑު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން ކުރައްވާނެ ތަރީހެއް އޭރު ރައީސް ހާމައެއް ނުކުރައްވައެވެ. މިއަދު ރިޔާސީ ބަޔާން އިއްވަވަމުން އެލަވަންސް ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއ ިރު، ބޮޑު ކުރަނީ ކިހާ ވަރެއް ކަން ހާމައެއް ނުކުރައްވައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރު ހަދަން ނިންމާފައި ވާއިރު އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މައުލޫމާތު، ރައްކާތެރިކަމާއި ފަސޭހަ ކަމާއެކު ބެލެހެއްޓުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ކެޓަގަރީ ކުރެވި، އެފަރާތްތަކުގެ ހާލަތްތަކަށް ވަކިވަކިން ބެލި، އެންމެ އެކަށޭނަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް އުފައްދާ ދަފްތަރެކެވެ. ހަމައެއާއެކު ގާނޫނުގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭން ޖެހޭ މާލީއެހީ އާއި އެހެނިހެން އެހީތެރިކަމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ފަސޭހަ ވާނެ ކަމެކެވެ.

ރާއްޖޭގައި 36000 އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅެމުންދާ ކަމަށް ހިސާބުތަކުން ދައްކައެވެ. އެ ފަރާތްތަކަށް މިހާރު ދެމުން އަންނަނީ 2000 ރުފިޔާގެ އެލަވަންސްއެކެވެ.