ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރަން ނިންމައި އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން ބީލަމަށް ހުޅުވާލައިފިއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ އާ ހަމައަށް ދިވެހި ކުންފުނިތަކަށް ހުޅުވާލާފައިވާ ކަމަށާއި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޓެންޑާ ޑޮކިއުމެންޓްތައް ވިއްކަން ހަމަޖެހިފައި ވަނީ 15،000 ރުފިޔާއަށް ކަމަށެވެ.
އެއާޕޯޓު ޓާމިނަލް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު އެއާޕޯޓު ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއިން ވަނީ ފަށާފައެވެ. އެގޮތުން އެ ފިޔަވަހީގެ ދަށުން ރަންވޭގެ 650 މީޓަރު ދިގުކޮށް ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮއް ހިމާޔަތްކުރުމާއި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑްކުރުން ހިމެނެއެވެ.
މީގެ އިތުރުން ޓެކްސީވޭ ފުޅާކުރުމާއި އޭޖީއެލް އަޕްގްރޭޑްކުރުމުގެ އިތުރުން ޕަވާ ސިސްޓަމް އަޕްގްރޭޑްކުރުން ވެސް މި މަޝްރުއޫގެ ދަށުން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ މަޝްރޫއަށް އަބޫދާބީ ފަންޑުން 27.1 މިލިއަން ޑޮލަރު އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 25.1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެއީ ޖުމްލަ 443 މިލިއަން ރުފިޔާއެވެ.
މާފަރު އެއާޕޯޓުން މިވަގުތު އެއްފަހަރާ ހިދުމަތް ދެވެނީ 100 ފަސިންޖަރުންނަށް ކަމަށްވާއިރު ޓާމިލަން ބޮޑުކުރުމުން އެ އަދަދު 300 އަށް އިތުރުވާނެއެވެ.