މިސަރުކާރަކީ ދުއްޕާނެއް ކަމަށާއި ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް ގޮސް، އަތް ފޯރާ ފަށަށް އައި އެއްޗަކީ ޖީއެސްޓީ ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ "ދުއްޕާން" ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ އެހެން ވިދާޅުވީ، މިއަހަރުން ފެށިގެން ޖީއެސްޓީ ބޮޑުކުރުމާއެކު ތަކެތީގެ އަގުތައް ބޮޑުވެފައި ވާތީ އާންމު ރައްޔިތުންނަށް ކުރަން ޖެހޭ ހޭދަ ބޮޑުވެގެން ގޮސްފައި ވާތީއެވެ.
އަދުރޭ ވަނީ، ދިވެހިންނަށް ޖެހިފައި ވަނީ އާދައިގެ ދުއްޕާނެއް ނޫން ކަމަށާއި އެ ދުއްޕާނުން ސަލާމަތް ވެވޭނީ ވަރަށް ވަރުގަދަ އަޒުމަކާއެކު ނިކުމެ މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތާއެކު އެ ދުއްޕާނުން ސަލާމަތް ވެވޭނެ ހަމައެކަނި މަގަކީ ރައީސް އަބްދު ﷲ ޔާމީން މި ގައުމުގެ ވެރިކަމަށް ގެނައުން ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ދާދިފަހުން ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާތަކުގައި އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެނގިވަޑައިގަންނަވާނެ ކަމަށާއި އިންތިހާބު ކާމިޔާބު ކުރައްވާނީ ފަސޭހަ ކަމާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވުމުން އެކަމަށް ފާޑު ވިދާޅުވެ އަދުރޭ ވަނީ 2023 ގައި އެ ފޯމިއުލާއާއެކު ރާއީސް ޔާމީނާ ވާދަކޮށްލެއްވުމަށް ރައީސް ސޯލިހަށް ގޮވާލައްވާފައެވެ.
އަދުރޭ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އޮތީ ޕީޕީއެމްގެ އަތުގައި ކަމަށާއި އެކަން އޮންނާނީ ދައްކާފައި ކަމަށެވެ. އަދި ރައީސް ޔާމީންނަށް ރިޔާސީ ޓިކެޓު ދިނުމުން ފާޑު ކިޔާ ހަދާތީ އެއީ މީހަކާ ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ އަދުރޭ ވަނީ، އެހެން ކިޔާ ފަރާތްތަކަށް ރައްދު ދެއްވާފައެވެ.
އެފަރާތްތަކުން، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސައިން މަނިކަށާއި ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަން އުޅޭ ކަމަށް ލިޔެހަދާ ކަމަށާއި އެހެންނަމަވެސް، ވަހީދުވެސް އަދި ޝަހީމުވެސް ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީން ނޫން އިތުރު "ޗޮއިސްއެއް" ބޭނުންފުޅު ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވާހަކައިގާ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަވެސް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އިންޑިއާ ސިފައިން ޖެހޭނީ މިގައުމުން ފައިބަން ކަމަށާއި ރައީސް ޔާމީނުގެ ވެރިކަމެއްގައި ދިވެހި ފުލުހުންނާއި ސިފައިން ވާނީ އަބުރުވެރި، ޝަރަފުވެރި އަދި މީހުން ގަދަރުކުރާ ބަޔަކަށް ކަމަށެވެ. މިގައުމުގެ ސިފައިންނާއި ފުލުހުންނަށް ބާރުފޯރުވޭ ވަރަށް ވުރެ އިންޑިއާ ސިފައިން މި ގައުމުގައި ތިބީ ބާރުގައި ކަމަށް އިދިކޮޅުން ތުހުމަތު ކުރާ އިރު އަދުރޭ ވަނީ ވާޖިބު އަދާކުރަން ދިވެހި ފުލުހުންނާއި ސިފައިން ނިކުންނާނީ ގައުމުގެ ހާލަތު ކިހާ ހިސާބަކަށް ދިޔައީމާތޯ ސުވާލު ކުރައްވާފައެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ފުލުހުންނާއި ސިފައިން ﷲ ގަންދީ ހުވާކުރީ ގައުމާއި ރައްޔިތުން ހިމާޔަތް ކުރުމަށާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.