ކެންސަރަކީ ފުރާނައަށް ނުރައްކާތެރި އަދި ބަލީގައި ފަރުވާ ހޯދުމުގައި ވެސް ބަލި މީހާ އެތައް ވޭނެއް ތަހައްމަލު ކުރަން ޖެހޭ ބައްޔެކެވެ. ދުނިޔެއިން މީހުން މަރުވާ އެންމެ ބޮޑު އެއް ބައްޔަކީ ކެންސަރު ކަަމަށް ވާ އިރު 2020 ވަނަ އަހަރު މުޅި ދުނިޔެއިން ކެންސަރު ބަލީގައި ވަނީ 10 މިލިއަން މީހުން މަރުވެފައެވެ. ހައިރާންވާހާ އަދަދު ގިނައެވެ.
ރާއްޖޭގައި ވެސް ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދަނީ މައްޗަށެވެ. ކެންސަރުގެ އެކި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ރާއްޖެއިން މިހާރު ފެންނަ އިރު، ފަރުވާ ހޯދައި އެ ބަލިން ރަނގަޅު ވެފައި ތިބި މީހުން ވެސް މަދެއް ނޫނެވެ.
ބައިންލައަގްވާމީ ކެންސަރު ދުވަސް މިއަދު ފާހަގަކުރަމުން އަންނަ އިރު، ކެންސަރު ބައްޔާ ހަނގުރާމަ ކޮށް މިހާރު އެބަލިން ފަސޭހަ ވެފައިވާ ފާތިމަތު އައިނީ ޖަލީލް ވަނީ ކިޔުންތެރިންނަށް އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ. މާލެއަށް އުފަން، އުމުރުން 20 އަހަރުގެ އައިނީއަށް ތައިރޮއިޑް ކެންސަރު ޖެހިގެން ފަރުވާ ހޯދާފައި ވަނީ އޭނާގެ އުމުރުން 17 އަހަރުގައެވެ.
އެ ދުވަސްތައް 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން އައިނީ ބުނީ، އެންމެ ފުރަތަމަ އޭނާ ބަލިވީ، ޖީސީއީއޯލެވެލް އިމްތިހާނަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ. އޭރު އޭނާގެ ލިވާ އިން ޓިއުމަރެއް ފެނިފައިވީ ނަމަވެސް އިމްތިހާނު ދުވަސްވަރު އޮޕަރޭޝަނަކަށް ނުގޮސް މަޑުކޮށްލަން ނިންމީއެވެ. އިމްތިހާނަށް ފަހު އައިނީގެ ޓެސްޓުތައް ހެދި އިރު އެ ޓިއުމަރު ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. އެހެންކަމުން އޭނާގެ ލިވާގައި އުފެދުނު ޓިއުމަރު ނަގަން ސާޖަރީއެއް ކުރަން ޖެހުނެވެ. ނަސީބު ދިމާކުރި ގޮތުން އެ ޓިއުމަރު ކެންސަރަށް ބަދަލުވެފައި ނުވާ ކަމަށް ރިޕޯޓްތަކުން ދެއްކިއެވެ. ނަމަވެސް ދެން އައިނީއަށް ކުރިމަތިލާން ޖެހުނީ އެއަށް ވުރެ އުނދަގޫ އަދި ހިތްދަތި ދުވަސްތަކަކާއެވެ.
ލިވާ އޮޕަރޭޝަނަށް ފަހު 2020 ގެ ކުރީ ކޮޅު ޗެކްއަޕަކަށް އައިނީ ޑޮކްޓަރަށް ދައްކަން ދިޔައެވެ. އޭރު އައިނީގެ ކަރު ވަރަށް ބޮޑަށް ދުޅަވެފައި ހުރިކަން ޑޮކްޓަރަށް ފާހަގަވުމުން ސްކޭނެއް ހަދަން ލަފާ ދިނެވެ. ހެދި ސްކޭންގެ ނަތީޖާ ލިބުނު އިރު އަނެއްކާ ވެސް ޓިއުމަރެއް ހުރި ކަމުގެ ހަބަރުން އައިނީގެ ހިތް ކުދިކުދި ކޮށްލިއެވެ. އެ ޓިއުމަރު އިނީ އައިނީގެ ތައިރޮއިޑްގައި ކަމަށާއި ބަޔޮޕްސީއެއް ހެދުމަށް ޑޮކްޓަރު ލަފާ ދިނެވެ. ހެދި ޓެސްޓުގެ ނަތީޖާވީ ގަބޫލު ކުރަން ދަތިވި ހަބަރަަކަށް ވީ، އައިނީ ކެންސަރަށް ޕޮޒިޓިވް ވި ކަމަށް ޑޮކްޓަރު ބުނުމުންނެވެ.
އެންމެ ފުރަތަމަ ފަރުވާ ފެށުނީ އައިނީގެ ތައިރޮއިޑް ނެގުމަށް ކުރި އޮޕަރޭޝަނާ ހިސާބުންނެވެ. ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ނެގި ޓިއުމަރު ޓެސްޓު ހެދުމުން އައިނީ ހުރީ ތައިރޮއިޑް ކެންސަރުގެ ފުރަތަމަ ސްޓޭޖުގައި ކަން އެނގުނެވެ. އެހިސާބުން ކެންސަރަށް ފަރުވާ ހޯދުމަށް އާސަންދައިގެ އެހީގެ ދަށުން ސްރީލަންކާއަށް ފުރީ ކޮވިޑްގެ އެންމެ އުނދަގޫ ދުވަސްވަރު، 2020ގެ ޖުލައި މަހުއެވެ. ލަންކާގައި ފަރުވާ ހޯދުމަށް ރޭޑިއޭޝަންގެ އެއް ސައިކަލް އައިނީ ފުރިހަމަ ކުރީ ގިނަ އުނދަގޫތަކެއް ތަހައްމަލު ކުރަމުންނެވެ.
ރޭޑިއޭޝަން ދިން އިރު ކާން އުނދަގޫވެ، ހޮޑުލެވި އަޑު ބަދަލުވުން ފަދަ ކަންކަމާ އައިނީއަށް ކުރިމަތިލާން ޖެހުނެވެ. އަދި އެ ފަރުވާގެ ދުވަސްވަރު، ރަނގަޅަށް ވިސްނަން މަސައްކަތް ކުރަން އުނދަގޫވެ، ނަފްސާނީ ގޮތުން މީހާ ބަލިކަށިވެގެން ދިޔަ ކަަމަށް އައިނީ ބުނެއެވެ. ރޭޑިއޭޝަންގެ ފުރަތަމަ ސައިކަލް ފުރިހަމަ ކުރުމަށް ފަހު ހެދި ޓެސްޓުގެ ނަތީޖާ ދެއްކި ގޮތުގައި ކެންސަރުގެ އަސަރެއް އައިނީގެ ހަށިގަނޑަކު ނެތެވެ. އެ ދުވަހަށް ފަހު ކޮންމެ ތިން މަހަކުން އައިނީ އަންނަނީ ޗެކްއަޕް ހަދަމުންނެވެ.
މިހާރު ވެސް ޑޮކްޓަރަށް ދައްކަން ދާން ޖެހިއްޖެ ނަމަ އޭނާ ބިރު ގަނެއެވެ. އަނެއްކާ ވެސް ހަދާ ޓެސްޓުގެ ނަތީޖާ އިން ކެންސަރުގެ ސެލްތައް ފާޅުވެއްޖެއޭ ޑޮކްޓަރު ބުނާ އަޑުއަހަން އޭނާ ބޭނުން ނުވެއެވެ. އެއީ އެ ބަލީގައި ވޭން ތަހައްމަލު ކުރަމުން ދިޔަ އިރު މާދަމާ ވެސް މަރުވެދާނޭ ހިތަށް އެރި އެތައް ދުވަސްތަކެއް އޭނާއަށް އުނދަގޫ ކުރާތީއެވެ.
އެހެންކަމުން މިހާރު ކުރިއަށް ދަނީ ދިރިހުރި ދުވަސްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ އަޒުމުގައި ކަަމަށް އޭނާ ބުނެއެވެ. މިހާރު ވެސް ނަފްސާނީ ގޮތުން އުނދަގޫތަކާ ކުރިމަތިލަމުން އަންނަ އިރު، ކެންސަރާ އަލުން ކުރިމަތިލާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނުބައި ވިސްނުން ތައް އެއްފަރާތް ކޮށްލަނީ އެއްވެސް އިންސާނަކަށް ނޫފުލޭނެ ވަރުގެ ބުރައެއް ﷲ ނުޖައްސަވާނެ ކަމަށް ގަބޫލު ކުރަމުން ކަމަށް އޭނާ ބުނެއެވެ.
ހިތްވަރާ އެކު ކޮންމެ ކަމަކާ ވެސް ކުރިމަތިލުމުގެ އަޒުމުގައި ހުރެ މިހާރު އޭނާ އަންނަނީ "ހިއުމަން ރިސޯސަސް" ގެ ކޯހެއް ހަދަމުންނެވެ. އެކުގައި މަދުރަސީ ހަޔާތް ނިންމާލި ކުދިންގެ ހަޔާތާއި އޭނާގެ ހަޔާތް އަޅާ ކިޔާ އިރު، މަޑު ޖެހިގެން ދިޔަ ދެ ތިން އަހަރަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއްގެ ގޮތުގައި އައިނީ ގަބޫލު ކުރެއެވެ. އެއީ ހިތި ތަޖުރިބާއެއް ކަމަށާއި ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއް ކަމަށް އައިނީ ސިފަކުރެއެވެ.
މިހާރު ވެސް އެންޒައިޓީ އާ ކުރިމަތިލާން ޖެހޭތީ ނަފްސާނީ ގޮތުން ކުރިމަތިލަމުންދާ އުނދަގޫތަކަަށް ފަރުވާ ވެސް ހޯދަމުންދާ އައިނީ އަކީ ހިތްވަރު ގަދަ ޒުވާނެކެވެ. ކެންސަރުގެ ވަބާއިން ސަލާމަތްވުމަށް ކުރި ދަތުރުގެ ވާހަކަ ހިއްސާކޮށް އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ހިތްވަރު ދިނުމަށްޓަކައި އައިނީ ދޭން ބޭނުންވާ މެސެޖަކީ، ކެންސަރުގެ ކޮންމެ ސްޓޭޖެއް ތަހައްމަލު ކުރަން ޖެހުނު ކަމުގައި ވިޔަސް އެ ވޭނާއި ކެކުޅުން އެނގޭނީ އެ ކަން ތަހައްމަލު ކުރަން ޖެހިއްޖެ މީހަކަށެވެ.
އޯގާތެރިކަމާއި ލޯތްބާއި އަޅާލުން ލިބުނު ކަމުގައި ވިޔަސް، އެންމެ ގިނައިން މީހުން މަރުވާ ބައްޔެއްގެ ޝިކާރައަކަށް ވާން ޖެހުމަކީ "ޕޮޒިޓިވް" ކޮށް ވިސްނަން ކިތަންމެ މަސައްކަތް ކުރިއަސް ނާދިރު ކަމެއް ކަމަށް އައިނީ ބުނެއެވެ.
ރާއްޖޭގައި މިހާރު ވެސް ކެންސަރުގެ ބަލިތަކާ ހަނގުރާމަ ކުރަމުންދާ ގިނަ ބަޔަކު އުޅޭ އިރު، އެއީ ތި އިން ކޮންމެ މީހެއްގެ ރައްޓެއްސަކަށް ނުވަތަ އާއިލާގެ މީހަކަށް ނުވަތަ އެކުގައި މަސައްކަތް ކުރާ މީހަކަށް ވެދާނެއެވެ. ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަކީ ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ބައެކެވެ. ދިރިއުޅުގެ މަތިން ފޫހިވެ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ، ތިމާއާ މެދު ގޯސްކޮށް ކަންކަން ވެދާނެ ކަމަށް ގަބޫލު ކުރުން ފަދަ ހިޔާލުތަކުން މިހާގެ ވިސްނުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެހެންކަމުން އެފަދަ ބަލި މީހުންނާ އެކު ވަގުތު ހޭދަ ކުރާ އިރު، ނަފްސާނީ ގޮތުން މީހަކަށް ނޭދެވޭ އަސަރު ނުކުރާނެ ފަދަ ގޮތަކަށް އަމަލާއި މުއާމަލާތް ކުރުން ބައްޓަން ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ އަހަރެމެން ކޮންމެ މީހަކަށް ކުރެވިދާނެ ކަމެކެވެ.
ތިވަރުގެ ބޮޑު ބައްޔަކުން އައި ނީ ސަލާމަތް ކޮށްދެއްވީ ތީ ހަމްދުކުރަން އައިނީ އަށް އަހަރުވެސް ފުރިހަމަ ސިއްހަތެއްގައި ދެމިހުރުމަށް ކުރާބުރަމިންނެއް މަސައްކަތަށް ތައުފީގު ދެއްވާށި އާމީން އައިނީ މި މަށައް ވ ހާއްސަ ނަމެއް