ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވީ އެމްއާރްއައި މެޝިނެއްގެ މައްސަލައިގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރިޔާސީ އިންތިހާބަށް ތައްޔާރު ވުމަށްޓަކައި، މާލޭ ދަރުބާރުގޭގައި ކުރިއަށް ގެންދާ "ހޯޕް ކޮންފަރެންސް" ގައި ވާހަކަ ދައްކަމުންނެވެ.
މި ގޮތުން އާދަމް ޝަރީޕު ވިދާޅުވީ ރާއްޖޭގެ އުމްރާނީ ތަރައްގީ ހަލުވި ކުރުމުގައި އަދި އިގްތިސާދު މުޅިން އާ ހަރުފަތަކަށް ގެންދިއުމުގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއްކަމުގައި ރައީސް ޔާމީން ދެކެވަޑައިގެންނެވި ކަމަށެވެ. އަދި އަވައްޓެރި އިންޑިއާއަކީ އެހެން ކަންކަމުގައި ރާއްޖޭގެ މުހިއްމު އަވައްޓެރިއެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގެންނެވި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވި ކަމަށް މީގެ ކުރިން ހާމަކޮށްފައި ނުވާ ސަބަބެއް ހާމަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ މެދުގައި އޮތް ގުޅުން ގޯސްވީ ރާއްޖެއަށް ބޭނުންވާ އެމްއާރުއައި މެޝިނެއް ދިނުން ލަސްވުމުން ވަސީލަތް ހުރި ތަނަކުން އެ ވަސީލަތް ހޯއްދަވައިގެން ރައީސް ޔާމީން އެކަން ކުރެއްވުން ކަމަށެވެ. މިއީ ކުރިން ރައީސް ޔާމީން ވެސް އަދި ޕީޕީއެމްގެ ލީޑާޝިޕުންވެސް ދައްކަވާފައި ވާހަކަ އަކަަށް ނުވި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވުމަކީވ އިންޑިއާއަށް ތަހައްމަލު ކުރަން އުނދަގޫވި ކަމެއްކަމުގެ ވާހަކަ އެކިފަހަރު ދައްކަވާފައި ވެއެވެ. ރޭ އާދަމް ޝަރީފްވެސް އެވާހަކަ ދެއްކެވިއެވެ.
މި ސަރުކާރަށް ފާޑުވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ ގައުމިއްޔަތުގެ ޒައްރެއްގެ މިންވަރެއް ހުރި މީހަކުވެސް މި ވެރިކަމުގައި ނެތްކަމަށެވެ. "މިހާރު މިއޮތް ސަރުކާރުން ދިވެހިރާއްޖޭގެ ވަތުބަތާނަށް ދާންދެން އެހެން ބަޔަކަށް ދީފި. އެހާ ބޮޑަށް އެހެން ބައެއްގެ މައްޗަށް ސަރުކާރު ބަރޯސާވެ ހިޔާނާތްތެރި ވެފައި ވާތީ މި ސަރުކާރު ބަދަލުކުރަން ޖެހޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.