ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ "ހޯޕް" (އުންމީދާއެކު) ގެ މަހާސިންތާ މިއަދު ފަށައިފިއެވެ.

3 ދުވަހުގެ މުއްދަތައް ދަރުބާރުގޭގައި ކުރިއަށް ގެންދާ މި މަހާސިންތާގައި 1057 އަށްވުރެ ގިނަ މެމްބަރުން މާލެއާއި އަތޮޅުތެރެ ހިމެނޭހެން ބައިވެރިވެއެވެ. އޭގެ ތެރޭގައި ދާއިރާ ރައީސުން، ދާއިރާ ނައިބު ރައީސުން، ޒުވާނުންގެ ރައީސުން، އަންހެނުންގެ ރައީސުން، ސެނެޓަރުން، ކައުންސިލަރުންގެ އިތުރުން ޑަބްލިއުޑީސީގެ މެމްބަރުން ހިމެނެއެވެ.

މިއަދު 8:30 އިން ފެށިގެން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމާއި ފާސް ދޫކުރުން ކުރިއަށް ގެންދިޔަ ނަމަވެސް ރަސްމީކޮށް ކޮންފަރެންސް ފަށާފައި މިވަނީ 1:30 ގައެވެ.

ރަޖިސްޓްރޭޝަން ގެ ތެރެއިން

މި މަހާސިންތާގައި މިއަދުގެ ދަންފަޅީގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލަން ހަމަޖެހިފައިވަނީ ކޯލިޝަންގެ އިސް ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އާއި ކޯލިޝަންގެ ތަސައްވަރާ ގުޅޭގޮތުންނާއި، އަދުގެ ދިވެހިރާއްޖޭގެ އިގްތިސާދު މިސްރާބު ހުރި ގޮތުގެ އިތުރުން މި ސަރުކާރުން ހިންގާ ނޭއްގާނީ އަމަލު ތަކާ ބެހޭ ގޮތުން ކަމަށް ކޯލިޝަންގެ ފަރާތުން މައުލޫމާތު ދިނެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ބައިވެރިވަޑައިގަންނަވާ މި މަހާސިންތާއަކީ، ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ ޔާމީން މިނިވަންވާނެ ކަމުގެ އުންމީދު އާ ކުރަންވީ ކީއްވެ ކަން އަންގާދިނުމަށް ރޭވައި ހިންގަމުންދާ މަހާސިންތާއެކެވެ.

ރަޖިސްޓްރޭޝަން ގެ ތެރެއިން

ހުކުރު ދުވަހުގެ ހުކުރު ނަމާދުން ދެވަނަ ދުވަހުގެ ދަންފަޅި ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް އެދުވަހުގެ ފަހު ހަރާކާތެއްގެ ގޮތުން ކުރިއަށް ގެންދަން ތާވަލު ކޮށްފައިވަނީ ސުލްހަވެރި ހިނގާލުމަކާއެކީއެވެ. ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ. ފުލުހުންގެ ހުއްދަ އާއެކު ކުރިއަށް ގެންދާ ހިނގާލުން ކުރިއަށް ގެންދާނީ މާލޭގެ މަޖީދީ މަގުގައިކަން ފާހަގަ ކޮށްލެވެއެވެ.

އަންނަ ހޮނިހިރުދުވަހުގައި ތިންވަނަ ދުވަހުގެ ދަންފަޅި ކުރިއަށްގެންދިއުމަށް ހަމަޖެހިފައުވަނީ ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް މަޝްވަރާ ކުރުމަށެވެ. އެގޮތުން ކެމްޕެއިން ޓީމުތައް އެކުލަވާލުމާއި، ވޯޓު ފޮށިތަކަށް ފާރަވެރިވާނެ ގޮތްތަކާއި ވޯޓުލާ ދުވަހުގު އިސްތިރާތީޖީ އިންތިޒާމުތަކުގެ އިތުރުން ވޯޓާ ގުޅޭ މުޢާމަލާތްތައް ތަރުތީބުކުރާނެ ކަންކަން އެކުލަވާލުމަށް އިސްކަން ދެމުންނެވެ.

ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗްގައި ބޭއްވޭ ޖަލްސާ އަކާ އެކުގައެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވި ނަަމަވެސް ޕީޕީއެމްއިން އަންނަނީ ރައީސް ޔާމީންގެ ޝެޑިއުލާ އެއް ގޮތަށް ކެމްޕެއިން ހަރަކާތްތައް ހިންގުމަށް މަސައްކަތް ކުރަމުންނެވެ.