ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ "ވަން ޕީސް" ގެ ލައިވް އެކްޝަން ސީރީޒެއް މިއަހަރު ނެޓްފްލިކްސް އަށް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ލައިވް އެކްޝަން ސީރީޒްގެ ފޮޓޯއެއް ލީޑު ކެރެކްޓާ މަންކީ ޑި ލޫފީ އާއެކު ނެޓްފްލިކްސް އިން ވަނީ އާންމުކޮށްފައެވެ. "ވަން ޕީސް" މާންގާ ސީރީޒަށް ބިނާކޮށް މި ސީރީޒް އުފައްދަން ނިންމި ނަމަވެސް މި ސީރީޒް ނެޓްފްލިކްސް އަށް އަންނާނެ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. އިނިއާކީ ގޮޑޯއީ (ލޫފީ) އާއި މެކެންޔޫ (ޒޯރޯ) އާއި، އެމިލީ ރަޑް (ނާމި) އާއި، ޖޭކޮބް ރޮމޭރޯ (އުސޯޕް) އަދި ޓެޒް ސްކައިލާ (ސަންޖި) މި ސީރީޒުން ފެނިގެން ދާ އިރު "ވަން ޕީސް" ގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް އައީ 1997 ވަނަ އަހަރުއެވެ. އޭގެ ފަހުން މެދުކެނޑުމެއް ނެތި ސީރީޒް މިހާރު ވެސް ދައްކަމުން އަންނައިރު "ވަން ޕީސް" އަށް ނިސްބަތްކޮށް މިހާތަނަށް ވަނީ ޖުމްލަ 15 ފިލްމުވެސް ހަދާފައެވެ.

"ވަން ޕީސް" އަކީ އެންމެ ގިނަ މީހުން ގަތް މަންގާ (ކޮމިކް) ވެސް މެއެވެ. ޖުމްލަ 462 މިލިއަން ކޮޕީ ވިކުނު އިރު އެ ކޮމިކަކީ މިހާތަނަށް އެންމެ ގިނަ އާމްދަނީ އެއް ހޯދި ފިކްޝަނަލް ފްރެންޗައިސްއެވެ. "ވަން ޕީސް" ބިނާކޮށްފައި ވަނީ ކަނޑުފޭރޭ މީހުންގެ ވެރިއަކަށް ވުމަށް ދަތުރު ފަށާ ޒުވާން ލުފީ ނަމަކަށް ކިޔާ ކެރެކްޓާ އަކަށެވެ. އެކްޝަން، ފެންޓަސީ އަދި ކޮމެޑީ ޖޯންރާ އަށް ނިސްބަތްކޮށް އުފައްދާ "ވަން ޕީސް" ގެ ފުރަތަމަ އެޕިސޯޑު މިހާރު ވަނީ ޝޫޓްކޮށް ނިންމާލާފައެވެ.