ސައުތު ކޮރެއާ އަށް ނިސްބަތްވާ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސް ފަހަތަށް ޖައްސާލުމަށް ފަހު ޔޫޓިއުބްގެ އާ ރެކޯޑު ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކް ހޯދައިފިއެވެ.

ޔޫޓިއުބްގައި އެންމެ ސްޓްރީމިން ގިނަ އާޓިސްޓަކަށް އަލްކާ ވެފައިވާއިރު އޭނާ އެއްވަނަ މަގާމު ހޯދީ ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާއި ބިޔޯންސޭ ފަދަ ތަރިން ވައްޓާލުމަށްފަހުއެވެ. 1990 އާއި 2000 ގެ އަހަރުތަކުގައި ޔޫޓިއުބްގައި އެންމެ ސްޓްރީމިން ގިނަ އާޓިސްޓަކަށް އަލްކާ ވިއިރު އަނެއްކާވެސް އެ މަގާމަށް އަލްކާ އެނބުރި އެއައީ 23 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 1990 އާއި 2000 ގެ އަހަރުތަކުގައި ނެރުނު ފިލްމުތަކުގެ އަންހެން ލަވަކިޔުންތެރިޔާގެ ލަވަތައް ގިނައިން ކިޔާފައި ހުރީ އަލްކާ އެވެ.

ތިރީސް އަހަރުވީ ދިގު ކެރިއަރުގައި އަލްކާ 7000 އަށްވުރެ ގިނަ ލަވަކިޔާފައި ވާއިރު އޭނާ އަށް ވަނީ އެތައް އެވޯޑުވެސް ލިބިފައެވެ. ނޭޝަނަލް ފިލްމު އެވޯޑުގެ އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑު ވެސް އޭނާ ވަނީ ހާސިލް ކޮށްފައެވެ. ޔޫޓިއުބްގައި އަލްކާ ގެ ލަވަތައް 15.3 ބިލިއަނަށްވުރެ ގިނަ މީހުން ސްޓްރީމްކޮށްފައިވާއިރު އޭނާ އާއި އެންމެ ގާތުން ވާދަކުރާ ބޭޑް ބަނީގެ ސްޓްރީމިން އަދަދަކީ 14.7 ބިލިއަނެވެ. އަލްކާގެ އިތުރުން މި ލިސްޓުގައި ބޮލީވުޑް ލަވަކިޔުންތެރިންނަކަށް ހިމެނިފައިވަނީ އުދިތު ނާރަޔަން (10.8 ބިލިއަން)، އަރްޖިތު ސިންހް (10.7 ބިލިއަން) އަދި ކުމާރު ސޯނޫ (9.9 ބިލިއަން) އެވެ.

ޒުވާނުންގެ މެދުގައި މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސް އަށް ލިބުނީ 7.95 ބިލިއަން ސްޓްރީމާސް އިންނެވެ. މަޝްހޫރު ބޭންޑް ބްލެކް ޕިންކަށް 7.3 ބިލިއަން ސްޓްރީމަރުން ލިބުނުއިރު ދަ ވީކެންޑަށް ލިބުނީ 5.7 ބިލިއަން ސްޓްރީމަރުންނެވެ، 26 ވަނައިގައި ޓޭލާ ސްވިފްޓް 4.33 ބިލިއަނާއެކު އޮތް އިރު ޑްރޭކް 50 ވަނައިގައި އޮތީ 2.9 ބިލިއަން ސްޓްރީމަރުންނާއެކުގައެވެ.

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކް ގެ ލަވަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ލަވަތަކަކީ "ޓިޕް ޓިޕް ބަރްސާ ޕާނީ"، "އަގަރް ތުމް ސާތުހޯ" އަދި "ބޯލެ ޗޫޅިޔާ" އެވެ.