އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން ގެ ހަޔާތަށް ފިލްމެއް އުފައްދަން ނިންމައި ފިލްމުގައި ޖެކްސަންގެ ރޯލު ކުޅޭ ތަރި އިއުލާން ކޮށްފިއެވެ.
"މައިކަލް"ގެ ނަމުގައި ބަޔޯޕިކެއް އުފައްދަން ނިންމާފައި ވާއިރު މި ބަޔޯޕިކް ގައި ޖެކްސަންގެ ރޯލުން ފެނިގެންދާނީ ޖެކްސަން އަށް ބޮޑުބޭބެ ކިޔާ ޖާފަރް ޖެކްސަން އެވެ. މި ބަޔޯޕިކް ޕްރޮޑިއުސް ކުރަނީ ގްރޭމް ކިންގް އެވެ. ގްރޭމް އަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދި ފިލްމު "ބޮހީމިއަން ރެޕްސޯޑީ" ވެސް ޕްރޮޑިއުސް ކުރި ޕްރޮޑިއުސަރެވެ. އެންމެ ތުއްތު އިރުން ފެށިގެންވެސް ލަވަކިޔުމަށް ޝައުގުހުރި މައިކަލް ވަނީ އޭނާގެ މިއުޒިކީ ކެރިއަރުގައި 13 ގްރެމީ އެވޯޑު ހާސިލްކޮށްފައެވެ.
ޖެކްސަން ގެ ރޯލު ކުޅެން ޖާފަރު އަށް ލިބުމުން އޭނާ ކުރި ޓްވީޓުގައި ބުނީ ބޮޑުބޭބެގެ ހަޔާތަށް ބަޔޯޕިކް އެއް އުފައްދަން ނިންމިއިރު އެ ބަޔޯޕިކް ގައި އަމިއްލަ ބޮޑުބޭބެގެ ރޯލު ކުޅެން ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ. އަވަސް މުސްތަގްބަލެއްގައި ފޭނުންނާއި ބައްދަލު ކުރާނެ ކަމަށާއި ފިލްމަށް ބޮޑު ސަޕޯޓެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ޖާފަރު 26، އަކީ މައިކަލް ޖެކްސަން ގެ އެއްބަނޑު އެއްބަފާ ބޭބެ ޖާމެއިން ޖެކްސަން ގެ ފިރިހެން ދަރިފުޅެވެ.
ހަޔާތުގައި ހިނގާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި މައިކަލްގެ މައްޗަށް ކުޑަކުދިންތަކަކަށް ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުތައް، ކޯޓު މަރުހަލާތަކާއި މައްސަލަ ސާބިތުނުވި ކަމުގެ ވާހަކަތައް ވެސް މި ބަޔޯޕިކް އިން ފެނިގެންދާނެއެވެ. ޕެއިންކިލާ އޯވަޑޯޒްއަކުން ހިތްހުއްޓިގެން 2009 ވަނަ އަހަރު ޖެކްސަން މަރުވީ އޭނާގެ އުމުރުން 50 އަހަރުގައެވެ.
ހަޔާތުގައި ދެ ކައިވެންޏެއްކޮށް އޭނާ އަށް ވަނީ ތިން ކުދިން ވެސް ލިބިފައެވެ. "ކިންގް އޮފް ޕޮޕް" ގެ ނަމުގައި މަޝްހޫރުވި ޖެކްސަންގެ ހަޔާތަށް ފިލްމު ތައްޔާރުކުރާއިރު 2019 ވަނަ އަހަރު ވަނީ "ލީވިން ނެވާލޭންޑް" ގެ ނަމުގައި ޖެކްސަންގެ ހަޔާތުގެ ބައެއް ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާއި ޑޮކިއުމެންޓްރީ އެއް ނެރެފައެވެ.