ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި އެއްބާރުލުން ދިނުމަށް، އޭސީސީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން އެއްބަސްވެއްޖެއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި އޭސީސީގެ ފަރާތުން އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ސޮއިކުރެއްވި އިރު، ޕްރައިވަޓައިޒޭޝަން ބޯޑުގެ ފަރާތުން ސޮއިކުރެއްވީ އެ ބޯޑުގެ ރައީސް އާސިމް މުހައްމަދެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ޕްރައިވަޓައިޒޭޝަން ބޯޑާއި، އޭސީސީ އަށް ގާނޫނުއަސާސީ އާއި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭސީސީން ބުންޏެވެ. އެ އެއްބަސްވުމުގެ ދަށުން:

  • ސަރުކާރު ކުންފުނިތަކާއި ސަރުކާރުން ބައިވެރިވާ ކުންފުނިތަކަށް ތުހުމަތުކޮށް ހުށަހެޅޭ މައްސަލަތަކުގެ ތަހްގީގުގެ ބޭނުމަށް ލިޔެކިއުންތަކާއި މައުލޫމާތު ހޯދުމަށް އެހީތެރިކަން ދިނުން
  • އެފަދަ މައުލޫމާތުތަކަށް ފަސޭހައިން ވާސިލްވުމަށްޓަކައި ދެ މުއައްސަސާ އިން ގުޅިގެން މަސައްކަތްކުރާނެ ގޮތް ކަނޑައެޅުން
  • އޭސީސީގެ ލަފާތައް ތަންފީޒުކުރުމަށާއި ތަމްރީނު ޕްރޮގްރާމް ހިންގުމުގައި ދެ މުއައްސަސާ ގުޅިގެން އަމަލުކުރާނެ ގޮތް ކަނޑައެޅުން

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ މެންބަރު ތާހާ އިބްރާހީމް ވިދާޅުވީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އޭސީސީ އަށް ހުށަހެޅުނު 883 މައްސަލައިގެ ތެރެއިން ކުންފުނިތަކަށް ލަފާ ދެވުނީ 158 އެންގުމެއް އިސްލާހުކުރުމަށް ކަމަށެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން، އޭސީސީގެ ތަހްގީގުތަކުގައި އެއްބާރުލުން ދިނުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހި، ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށާއި މަސައްކަތުގެ ދާއިރާ އިން ތަޖުރިބާ ހިއްސާކުރުމަށް ކުރިއެރުން ލިބިގެން ހިނގައްޖެ ކަމަށް ވެސް ތާހާ ވިދާޅުވިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް ފާހަގަކުރެއްވި ގޮތުގައި، ދެ މުއައްސަސާގެ މެދުގައި މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ މުހިންމު ކަމެކެވެ. އޭނާ ވިދާޅުވީ، މި އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަރުހަލާ އަވަހަށް ފަށަން ޖެހޭ ކަމަށެވެ.