އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ ދިވެއްސަކު މިއަދު ގެއްލިގެން ދިއުމުން، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ މުހައްމަދު މަހުދީ، ޕަރިސްތާ / ކ. ތުލުސްދޫ (35އ) އެވެ.

މަހުދީގެ ދައްތަ އައިމިނަތު އަރުޝީ "ދަ ޕްރެސް" އަށް ބުނީ، އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލް ކައިރިން މިއަދު ހެނދުނު 9 ޖަހާކަން ހާއިރު ގެއްލިފައިވާ ކަމަށެވެ.

ކޮއްކޮ އަކީ ނަފްސާނީ ބައްޔެއް ކަމަށްވާ ބައިޕޯލާ ޑިސްއޯޑާ އަށް ފަރުވާ ހޯދަމުންދާ، ސީރިއަސް ހާލަތުގައި ހުރި މީހެއް ކަމަށް އަރުޝީ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި، ކޮއްކޮ ފަރުވާ ހޯދުމަށްޓަކައި އިއްޔެ އިންޑިއާ އަށް ފުރާފައި ވަނީ އޭނާގެ ބައްޕަ އާއި ޅިޔަނަކާ އެކުގައެވެ.

"މިއަދު ހެނދުނު ހޮސްޕިޓަލަށް ގޮއްސަ ވައަލެންޓް ވެގެން ޑޮކްޓަރާ ދިމާލަށް ވަރަށް ހަޅޭއްލަވާފަ، ހޮސްޕިޓަލް މީހުންނަށް ވެސް ބައްޕަމެންނަށް ވެސް ކޮންޓްރޯލްނުކުރެވިގެން ދިޔަގޮތަށް ގޮސް އެ ގެއްލުނީ،" އަރުޝީ ބުންޏެވެ.

އަރުޝީ ބުނީ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަހުދީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދިވެސް އޭނާ ފެނިފައިނުވާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓް ސަފާތު އަހްމަދު ޒާހިރު ވިދާޅުވި ގޮތުގައި، ފޮރިން މިނިސްޓްރީ އާއި އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި އެ ގައުމުގެ ފުލުހުންނާ ގުޅިގެން މަހުދީ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"އަދިވެސް އެ ބޭފުޅާ ފެނިފަކައެއް ނެތް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ގާތުން ބަލަމުން ދަނީ،" ސަފާތު ވިދާޅުވިއެވެ.

މަހުދީ ގެއްލުމާ ގުޅިގެން، އާއިލާ އިން ވަނީ އެކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ. އާއިލާ އިން އެދެނީ މަހުދީގެ ހަބަރެއް ވެއްޖެ ނަމަ 7971667 އަށް، ނުވަތަ 7889180 އާ ގުޅުމަށެވެ.