ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ތެރެއަށް އިތުރު ނުފޫޒެއް ނުވަދެ ކުރިއަށް ގެންދެވިއްޖިއްޔާ އަންނަ މާޗް މަހު އެމަނިކުފާނު މިނިވަން ވާނެ ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ.
ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ހައި ކޯޓުގައި ޔާމީންގެ ހުކުމް އިސްތިއުނާފުކޮށް، އެ މައްސަލަ ބަލައި، މާޗު މަހުގެ ތެރޭގައި ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ. އިސްތިއުނާފު މަރުހަލާ ހިނގާލެއް އަވަސްވާނެ ކަމަށާއި ހައި ކޯޓުގައި ވެސް އާންމުކޮށް ބާއްވާ އިސްތިއުނާފު މައްސަލަތަކުގައި ބާއްވަނީ ދޭއް ނުވަތަ ތިން އަޑުއެހުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އާންމު އުސޫލުން ހައި ކޯޓުގައި މައްސަލަ ކުރިއަށްދާ އިރު އެއްވެސް އިތުރު ނުފޫޒެއް ނުވަދެ މައްސަލަ ކުރިއަށްދާ ނަމަ މާޗު މަހުގެ ތެރޭގައި ހައި ކޯޓުގައި އޮތް މައްސަލަ ނިމޭނެ ކަމަށް ވަކީލުންގެ ޓީމުން ބުނެއެވެ. ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހޭ ކަމަށާއި އެކަމުގައި، ޕާާޓީގެ މެންބަރުންނާއި ލީޑާޝިޕުން ވެސް ސުވާލު ކުރާ ކަމަށާއި ވީހާ ވެސް އަވަހަށް އިސްތިއުނާފު ކުރެވޭތޯ ބަލަމުންދާ ކަމަށް ވަކީލުންގެ ޓީމުން ބުނެއެވެ.
ކުރިން ޔާމީންގެ މައްސަލަ އިސްތިއުނާފަށް ނުލެވި ލަސްވަމުން ދިޔައީ އެ މައްސަލައިގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދޫނުކުރާތީ ކަމަށް ވަކީލުން ބުނެފއި ވެއެވެ. އެ ރިޕޓް ކްރިމިނަލް ކޯޓުން ހަވާލުކޮށްފައި ވަނީ މި މަހުގެ މެދު ތެރޭގައެވެ.
ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް ކުރަން އަވަސް ކުރަން ބޭނުންވާ މައިގަނޑު އެއް ސަބަބަކީ އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާޓުން ވާދަކުރާ ކެންޑިޑޭޓަކީ ރައީސް ޔާމީނަށް ވުމެއެވެ. އިންތިހާބުގައި ވާދަ ކުރަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތަކީ ޖުލައި 23، އިން އޮގަސްޓު 3 އަށެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ނަމަ އޮގަސްޓް 3ގެ ކުރިން ޔާމީން މިނިވަންވާން ޖެހެއެވެ.