ނ. އަތޮޅުގެ ދެ ރަށެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ނ. ކެނދިވަރު އާއި އެ އަތޮޅު ދޮނައެރިކަނޑޫދޫ ފަތުރުވެރިކަމުގެ ބޭނުމަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ނިންމާފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 8 ވަނަ މާއްދާ އާ ހިލާފަށް ކަމަށް ބުނެ އެ ކައުންސިލުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. މިއީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ގުދުރަތީ ވަސީލަތްތަކާއި ބިން ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް ހުރަސްއެޅޭ ގޮތަށް އަދި އާއްމު ހައްގު ގެއްލޭގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ސިވިލް ކޯޓަށް، ކައުންސިލުން ހުށަހެޅި މައްސަލައިގައި ވަނީ ކެނދިވަރު އަދި ދޮނައެރިކަނޑޫދޫ، ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ވަކި ފަރާތަކަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ހުއްޓުވައިދިނުމަށް އެދިފައެވެ.

އެހެން ދޫކޮށްފައި ހުރި ތަންތަނުން އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް އަދި މަންފާއެއް ވެސް ނުވާ ކަމަށާއި އެ ތަންތަން ބޭނުންކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ނުދޭ ކަމަށް ވަގުތީ އަމުރަށް އެދެމުން ކައުންސިލުން ވަނީ ބުނެފައެވެ.

އެމައްސަލައިގައި ސިވިލް ކޯޓުން ބުނީ، ކެނދިވަރު އަކީ ޑިސެމްބަރު 22، 2022 ގައި ދަމަކް އޯޝަން ހައިޓްސް ކޮމްޕެނީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. އެހެންވެ، އެއީ މިހާރު ތިން ވަނަ ފަރާތެއްގެ ހައްގު ހިމެނޭ ތަނަކަށް ވާތީ، އެ ފަރާތުގެ ހައްގަށް ރިއާޔަތް ނުކޮށް ނެރޭ އަމުރަކުން އެ ކުންފުންޏާއި ދައުލަތަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށެވެ.

އަދި މައްސަލާގައި ހިމެނޭ އަނެއް ރަށް ކަމަށްވާ ދޮނަހިރިކަނޑޫދު އަކީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދައި ހިންގުމަށް ސަރުކާރާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާ ދެމެދު ޑިސެމްބަރު 12، 2017 ގައި ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ދޭން ނިންމާފައިވާ ރަށެކެވެ.

ދައުލަތުން ބުނީ އެ ހާލަތުގައި ނ. އަތޮޅު ރައްޔިތުންގެ ހައްގުތައް މިނެކިރަން ޖެހެނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހައްގުތަކަށް ބަލައިގެން ކަމަށާއި އެދިފައިވާ ވަގުތީ އަމުރު ނުނެރެފި ނަމަ ހިމާޔަތްކުރެވޭ ދައުލަތުގެ މަސްލަހަތު މާ ބޮޑު ކަމަށެވެ.