ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފިއެވެ.

މީގެ ކުރިން މުދަލު ޒަކާތުގެ ނިސާބަކީ 5777.45 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިމަހު 30 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 7062.65 ރުފިޔާ ކަމަށެވެ.

ޖޫން 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަނީ މީރާ އިންނެވެ. އަދި އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭ ގޮތް ހަމަޖައްސާފައި ވެއެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެއެވެ. ޕަސެންޓުގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 91.53 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.