ރާއްޖޭގެ ލީޑިން އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރަންސްގެ 38 ވަނަ އަހަރީ ދުވަސް އެކުންފުނިން މިއަދު ފާހަގަކޮށްފިއެވެ.

މި މުނާސަބާ ފާހަގަ ކުރުމަށް އެލައިޑް ކޯޕަރޭޓް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި އެލައިޑުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ރައްކާ ޕްރޮގްރާމަށް 100 ހެލްމެޓު ހަދިޔާކޮށްފައެވެ. މި ހެލްމެޓްތައް ވެގެން ދާނީ އައްޑޫގައި ގަވާއިދާ ހިލާފަށް މިހާރު ބޭނުން ކުރާ ހާފް ހެލްމެޓުތައް އުވާލުމަށް ޕޮލިސް ސާވިސްއިން ކުރަމުން އަންނަ މަސައްކަތަށް އެހީ އަކަށެވެ.

އެލައިޑާއި ފުލުހުން ސީރީޒެއް ގޮތަށް ކުރިޔަށް ގެންދާ ރައްކާ ޕްރޮގްރާމްގެ މަދުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުމަތީގެ ރައްކާތެރިކަމާއި، ޓްރެފިކް އުސޫލްތަކާއި ގަވައިދުތަކަށް މީހުން ހޭލުންތެރި ކުރުވުމެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ، ލާމު އަތޮޅު، އައްޑޫ އަދި މާލެ ސިޓީ ހިމެނޭހެން މިހާތަނަށް ރައްކާގެ ތަފާތު ހަރަކާތްތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މީގެ އިތުރުން މި ކޮންފަރެންސްގައި 1 ފެބުރުވަރީގައި ފަށާ މޮޓޯ ކެމްޕެއިން ވެސް ވަނީ އިފްތިތާހު ކޮށްފައެވެ. މިކެމްޕެއިންގެ ތެރެއިން މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީއެއް ގަންނަ ފުރަތަމަ 140 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ލިބޭނެއެވެ. ހަމައެއާއެކު އެލައިޑް އަދި އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ އިން ނަގާ ޕްލޭންތަކާއި އެކު ހެލްމެޓެއް ލިބޭއިރު، ޕޮލިސީ އަލަށް ނަގާ ނުވަތަ އާ ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ފުލުހުން އިލްތިމާސް ކޮށްފައިވާ މިންގަނޑުތަކަށް ފެތޭނަމަ ހެލްމެޓެއް ލިބޭނެއެވެ.

އެލައިޑް ފްރަންޓް އޮފީހުން ޕޮލިސީ ނެގި އެންމެ ފުރަތަމަ 38 ކަސްޓަމަރުންނަށް މިއަދު ވަނީ ކަލަންޑަރު ލިބޭނެ ގޮތް ހަމަޖައްސާފައެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ކަޕްކޭކް ބެހުމުގެ ހަރަކާތް މިއަހަރުވެސް އެލައިޑުން ވަނީ އެކުންފުނީގެ ކަސްޓަމާ ފްރަންޓް އޮފީސް ސަރަހައްދުގައި ކުރިޔަށް ގެންގޮސްފައެވެ.