އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ހާމަކުރި ފަހުން 24 ގަޑިއިރު ވެފައި ވާއިރު އެ އިންތިހާބުގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅެއް ނުވެއެވެ.

އެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވާދަކުރެއްވި އިރު އެމަނިކުފާނަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ. އެހެންނަމަވެސް ރައީސް ސޯލިހު އެ އިންތިހާބު ކާމިޔާބުކުރެއްވީ 24،566 ވޯޓާއެކުއެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ.

މި އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވާއިރު ވޯޓުލާފައި ވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަަސެންޓެވެ.

އެ އިންތިހާބަށް ފަހު ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ ޓީމުން ދަނީ ނަތީޖާ ޝީޓުތައް ބަލަމުން ކަމަށާއި ގިނަ ފޮށިތަކުން ކުރީގައި އޮތީ ނަޝީދު ކަމަށެވެ. މީގެ އިތުރުން މިހާރު ފެންނަނީ މަދު ފޮށިތަކަކުން ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރީގައި އުޅުއްވާ ނަތީޖާތަކެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ކާމިޔާބީ އިއުލާން ކުރައްވާފައި ވުމުގެ އިތުރުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީންވެސް ވަގުތީ ނަތީޖާ ވަނީ އާންމު ކޮށްފައެވެ. އަދި އަންނަ މަހު ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް އަރުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިންތިހާބުގެ ކެމްޕެއިން ދުވަސް ވަރު ރައީސް ނަޝީދު. ރައީސް ސޯލިހަށް އަމާޒު ކުރައްވައި އެންމެ ވަރުދައަށް ދެއްވި ހަމަލާ އަކީ، ރައީސް ސޯލިހު ރިއެކްޓް ނުކުރައްވާ ވާހަކަ އާއި، ނުވި ވާހަކައެވެ.

ނަމަވެސް އިންތިހާބުގެ ނަތީޖާ އިއުލާން ކުރިތާ 24 ގަޑިއިރު ވެ ދިޔަ އިރު ނަޝީދު ރިއެކްޓެއް ނުކުރެއްވުމުން ގިނަބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.