އިންޑިއާ އާއި ރަޝިއާ ވިޔަފާރީގެ ދާއިރާއިން ގުޅުން ގާއިމު ކޮށްފައި އޮންނަތާ 30 އަހަރު ފާހަގަ ކުރާ އިރު، އިންޑިއާއިން މިހާރު އަހަރެއްގެ މައްޗަށް 30 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެއެވެ.
އިންޑިއާގައި ހުންނަވާ ރަޝިއާގެ އެމްބެސެޑަރު ޑެނިސް އަލިޕޯވް ނެރުއްވި ބަޔާނެއްގައި ބުނެފައި ވަ ގޮތުން، 30 އަހަރު ފާހަގަ ކުރާ ގުޅުމުގެ ތެރެއިން ގިނަ ކާމިޔާބީތައް ވަނީ ހޯދިފައެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކަމަކަށް ފާހަގަ ކޮށްފައި ވަނީ ދެގައުމު ގުޅިގެން ކުރިއަށް ގެންދާ ސުޕަސޮނިކް ކްރޫޒް މިސައިލް ޕްރޮގްރާމަކީ ފާހަގަ ކޮށްލެން ޖެހޭ ޕްރޮގްރާމެއް ކަމަށެވެ. އަދި ސްޕޭސް ޓެކްނޮލޮޖީއާއި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ކުއަންޓަމް އަދި ބައޯޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތަކަކީ ދެގައުމުގެ ގުޅުމުގެ ދިގު މަޒީގެ އާ ސަފްހާތަކެއް ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖަންސް އާއި އެޕްލައިޑް ފިޒިކްސް އާއި ސިއްހީ ދާއިރާއިން ކުރަމުން ދާ މަސައްކަތްތައްވެސް ފާހަގަ ކޮށްފައި ވެއެވެ.
ރަޝިއާ އާއި އިންޑިއާގެ ގުޅުމުގެ ތެރެއިން ރަޝިއާގެ ބްރޭންޑްތައް ކަމަށް ވާ ޓީ90 މަރުކާގެ ޓޭންކްތަކާއި ސްކްހޯއި 30 އެމްކޭއައި ފައިޓާޖެޓާއި އޭކޭ 203 ރައިފަލް އިންޑިއާގައި އުފައްދައެވެ. މީގެ ތެރެއިން ޓީ90 މަރުކާގެ ޓޭންކަކީ، ރަޝިއާއިން ޔޫކްރައިނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމައިގައިވެސް ބޭނުން ކުރާ ހަތިޔާރެކެވެ. މި ތަކެތި އިންޑިއާގައި އުފެއްދި ނަމަވެސް މިއީ ރަޝިއާގެ ތަކެއްޗެވެ.
ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެ ކުރިއަށް ދާނެކަން ހާމަ ކުރައްވަމުން އެމްބެސެޑަރު ވިދާޅުވެފައި ވަނީ، ދެގައުމުގެ މަސްލަހަތާއި، ދުނިޔޭގެ ސުލްހައާ ގުޅިފައި ހުރި ކަންކަމުގައި ވިސްނުން އެއްގޮތް ކަމަށާއި އިޖުތިމާއީ ދާއިރާއިންނާއި، އަދި ސަގާފީ ދާއިރާއިން ވެސް ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރައްވާނެ ކަމަށެވެ.
1993 ގައި ސޮއި ކުރި ވިޔަފާރި އާއި ގުޅުން ބަދަހިކުރުމުގެ މި އެއްބަސްވުމުގެ ދަށުން އެއް ގައުމު އަނެއް ގައުމުގައި އެގައުމެއްގެ ސަގާފީ ހަރާކާތްތައްވެސް ބާއްވައެވެ. އެކިއެކި މުނާސަބަތުތަކާ ދިމާކޮށް ފެސްޓިވަލްތަކުގެ ސިފައިގައި ބާއްވާ މިފަދަ ހަރަކާތްތަކުން ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ އާލާވާ ކަމަށްވެސް ބުނެފައި ވެއެވެ.
30 އަހަރު ވީ މި އެއްބަސްވުމުގެ އިތުރުންވެސް އެކި ދާއިރާތަކުން ދެ ސަރުކާރުގެ ދެމެދުގަ އާއި އެކިއެކި ކުންފުނި ޖަމާއަތްތަކުގެ ދެމެދުގައި ވެސް ގިނަ އެއްބަސްވުންތައް ހަދާފައި ވެއެވެ. އެގޮތުން ދެ ސަރުކާރުގެ ދެމެދުގައި 100 އަށް ވުރެ ގިނަ އެއްބަސްވުން މިހާތަނަށް ހަދާފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.