ރަޝިއާއިން ޔޫކްރައިނަށް ދޭ ހަމަލާތައް ހުއްޓުވާ ރަޝިއާ ބަލި ކުރަން އެންމެ ޒަމާނީ ވަސީލަތްތައް ހުރި 321 ޓޭންކް ދޭން ހުޅަނގުން ނިންމާފައި ވާ ކަމަށް ޔޫކްރައިންގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ފްރާންސަށް ކަނޑައަޅާފައި ހުންނަވާ ޔޫކްރައިން އެމްބެސެޑަރު ވަދީން އޮމެލެޗެންކޯ ވިދާޅުވީ، މިހާތަނަށް 321 ޓޭންކް ދޭން ހުޅަނގުން ބުނެފައި ވާ ކަމެވެ. ނަމަވެސް ޓޭންކްތައް ދޭ ގައުމުތަކާއި ތަފްސީލުތަކެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ހަބަރުތައް ބުނާ ގޮތުން، މިހާތަނަށް ޓޭންކް ދޭ އަދަދުތައް އިއުލާން ކޮށްފައި ވާ އެމެރިކާ އިން އަބްރަމްސް މަރުކާގެ 31 ޓޭންކް، ޖަރުމަނުން ލެޕާޑް 2 މަރުކާގެ 14 ޓޭންކް، އިނގިރޭސިވިލާތުން ޗެލެންޖާ މަރުކާގެ 14 ޓޭންކް ދޭނެކަން ވަނީ އިއުލާން ކޮށްފައެވެ. ދެން ޓޭންކް ދޭން އެއްބަސްބެފައި ވާ ގައުމުތަކުގެ ތެރޭގައި ނޭޓޯގެ ގައުމުތައް ހިމެނޭ އިރު، އެގައުމުތަކުން ދޭ ޓޭންކްގެ ބްރޭންޑެއް އަދި އަދަދެއް ސާފެއް ނުވެއެވެ.

ޓޭންކް ތަކާ ގުޅިގެން ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެފައި ވަނީ ރަޝިއާ ބަލިކުރަން މަދުވެގެން 300 ޓޭންކް ބޭނުންވާ ކަމަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިހާ ގިނަ އަދަދެއްގެ ޓޭންކް ޔޫކްރައިނަށް ލިބުނު ނަމަވެސް އެ ހުރިހާ ޓޭންކެއް އޮޕަރޭޓް ކޮށް، މެއިންޓަނެންސް ބެލެހެއްޓޭނެ ގާބިލުކަމެއް ޔޫކްރައިނަކު ނެތެވެ. އެގޮތުން އެމެރިކާއިން ދޭ އަބްރަމްސް ޓޭންކް ތަކަކީ ޖެޓް ފިއުލް އަޅައިގެން ދުއްވާ ޓޭންކް ތަކަށް ވާ އިރު އެއީ އިންތިހާ އަށް ހަރަދުވެސް ބޮޑު އަދި މެއިންޓަނެންސް މައްސަލަތައް ވެސް އުނދަގޫ ޓޭންކެކެވެ. ޖަރުމަނުން ދޭ ޓޭންކް ތަކަކީ، ޔޫކްރައިންގެ ސިފައިން ފަރިތަ ޓޭންކެއް ކަމަށާއި އެތަކެތި ދުއްވާ ހެދުމުގައި މާބޮޑު ދައްޗެއް ނުވާނެ ކަމަށްވެސް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ހުޅަނގާއި އެމެރިކާއިން ޔޫކްރައިނަށް ޓޭންކް ދޭ މި ދަނޑިވަޅުގައި އުތުރު ކޮރެއާއިން ވަނީ ހުޅަނގަށް ފާޑުކިޔާފައެވެ. އެގޮތުން އެގައުމުގެ ލީޑަރުގެ ކޮއްކޮ ކިމް ޔޯ ޖޮންގު ބުނެފައި ވަނީ، ހުޅަނގާއި އެމެރިކާއިން ރަތް ރޮނގު ހުރަސް ކޮށްފި ކަމަށާއި އެއީ ޔޫކްރައިން ލައްވާ ރަޝިއާ ހަލާކު ކޮށްލުމުގެ ނިޔަތުގައި ހުޅަނގުން ކުރާ ހަނގުރާމައެއް ކަމަށެވެ.

އަދި ދުނިޔޭގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ނަގާލަނީ ވެސް ހުޅަނގާއި އެމެރިކާއިން ކަމަށާއި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ރަޝިއާއިން ކިޔާ އެއްޗެއްގެ އަޑު ނާހާ ފައިސާ އާއި ހަތިޔާރު އަޅައިގެން ހާލަތު އިތުރަށް ގޯސް ކުރަނީ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ޔޫކްރައިންގެ ހަނގުރާމަ އަށް ފެށޭ ފެބްރުއަރީ 24 ގައި އަހަރު ވާނެއެވެ. މިހާތަނަށް އައިއިރު ދެފަރާތަށް ބޮޑުތި ގެއްލުންތައް ލިބިފައި ވީ ނަމަވެސް، އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ޔޫކްރައިން އަށެވެ. އުމްރާނީ ވަސީލަތްތަކާއި އިމާރާތްތަކާއި އަސާސީ އިންފްރާސްޓްރަކްޗާ ތައް ހަލާކުވެ، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ނަމަވެސް ޔޫކްރައިނުން އޮތީ ދޫދޭ ގޮތަށް ނޫން ކަމަށާއި މިވަގުތު ހަނގުރާމަ ކުރަމުން ދަނީ ހާލަތާއި ވަގުތާ ދެކޮޅަށް ކަމަށް ބުނެއެވެ. އަދި މިހާލަތާއި ވަގުތުގައި އެކަށީގެން ވާ ވަރުގަދަ ހަތިޔާރު ހުޅަނގުން ފޯރުކޮށްދީފި ނަމަ ރަޝިއާ ބަލިކުރެވޭނެ ކަމަށާއި، ނަމަވެސް އެ ލިބުން ލަސްވެ، ރަޝިއާއިން އާ ހަމާލާތަކެއް އުފައްދައިފި ނަމަ ބޮޑެތި ބޮޑެތި ގެއްލުންތައް ލިބި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ޔޫކްރައިންގެ އޮފިޝަލުން ބުނާ ގޮތުން، ކުރިއަށް އޮތް މަހެއް ދެމަހެއްގެ ތެރޭގައި ރަޝިއާއިން އާ ސްޓެރެޓަޖީއާ އެކު އާ ހަލާތައް އުފައްދާނެއެވެ.