ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަންމިން ނަތަންޔާހޫގެ ސަރުކާރުން ފަލަސްތީނުގެ 10 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ގައްޒާގައި ހުންނަ ޖެނީން ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް އިޒްރޭޅުން މި ހަމަލާ ދިނީ ޑްރޯން ބޭނުން ކޮށްގެން މިސައިލުން ކަމަށާއި އެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އުމުރުން ދުވަސް ވީ އަންހެނަކުވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ.

އިޒްރޭލުން ގަދަބާރުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގެ އެކި މަގާމުތަކަށް ދޭތެރެ ދޭތެރެއިން ހަމަލާތައް ދެއެވެ. ނަމަވެސް މިހާރު އިޒްރޭލުގެ ވެރިކަމުގައި އޮތް ނަތަންޔާހޫގެ ކޯލިޝަން ސަރުކާރަކީ، ފަލަސްތީނުގެ ރައްޔިތުން ނެތިކޮށްލުމަށް ގޮވާލައި ހަރުކަށި ޕާޓީތަކާއެކު އުފައްދާފައި އޮތް ސަރުކާރެއް ކަމުން، އެ ސަރުކާރުގެ ސިޔާސަތަކީ، ހިފާފައިވާ ބިންތައް އިތުރަށް ފުޅާ ކޮށް ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެ، ރަށުންވެސް ބޭރުކޮށްލުމެވެ. އެ މަސައްކަތުގައި ދެކޮޅު ހަދާ މީހަކު ވިއްޔާ ޝަހީދު ކޮށްލުމެވެ.

ގައްޒާގެ ޖެނީންއަށް ޑްރޯން ހަމަލާ ދިން އިރު، ޖުމްލަ 15 މިސައިލެއް ފޮނުވާލި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އަދި އެ ހަމަލާތައް ދިނުމުގައި ފައިޓާ ޖެޓްވެސް ބޭނުން ކުރިކަމަށްވެސް ފްރާންސްގެ ބައެއް ޗެނަލްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ބުނެފައި ވަނީ، އެއީ އިޒްރޭލަށް އަމާޒުކޮށް އައި 2 ރޮކެޓެއްގެ ބަދަލު ހިފުމެއް ކަމަށެވެ. އިޒްރޭލުގެ ޓީވީތަކުން ބުނީ، ރޮކެޓް ހަމަލާ އައީ ގައްޒާގެ އުތުރުން 12 ކިލޯމީޓަރު ދުރުގައި އޮންނަ އަޝްގެލޯން އާ ދިމާއަށް ކަމަށާއި، މިސައިލުން ދިފާއުވާ ނިޒާމުތަކުން ވަގުތުން ރައްދު ދީ ރޮކެޓްތައް ވައްޓާލި ކަމަށެވެ. އަދި އެ މައްޒަރުތައް އިޒްރޭލް ގެ ޓީވީން ވަނީ ދައްކާފައެވެ.

މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާ އިރު، ހަމަލާތަކުގައި ޖެނީން ކޭމްޕުން 20 އަކަށް މީހުން ޒަހަމް ވެފައި ވެސް ވެއެވެ.

ޒަހަމްވި މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސް ކަމަށް ހަމަރުތައް ބުނާ އިރު، މިއީ 2021 އަށް ފަހު ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް އަމާޒުކޮށް ދިން އެންމެ ގެއްލުންބޮޑު ހަމަލާތަކެވެ.

ފަލަސްތީނުން ބުނެފައި ވަނީ އިޒްރޭލުގެ ހަމަލާތަކަކީ ގަތުލުއާންމެއް ކަމަށެވެ. ތިން ދުވަހުގެ ހިތާމަފާޅުކުރުމަށް އެތައް ހާސް ބަޔަކު މަގުތަކަށް އެއްވެފައި ވާ އިރު ޖެނީން ކޭމްޕް ހިމެނޭ ސަރަހައްދަކީ ދުނިޔޭގެ ބިމުގެ ނިސްބަތުން އެންމެ އާބާދީ ބޮޑު އެއް ސަރަހައްދެކެވެ. އެތާނގައި 2.1 މިލިއަން މީހުން ދިރިއުޅެއެވެ.

އިޒްރޭލުގެ މިހަމަލާތަކުގެ ސަބަބުން، އދ ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމަކަށް ޔޫއޭއީ އާއި ޗައިނާ އަދި ފްރާންސް ވަނީ ގޮވާލާފައެވެ. ހަބަރުތައް ބުނާ ގޮތުން މިއަދުގެ ވަގުތެއްގައި އެ ބައްދަލުވުން ބާއްވާނެއެވެ.