ސިޓީ ކައުންސިލުން ނަގާ ކުނިތައް ކައުންސިލްގެ ބިމަކަށް ޖަމާކުރަމުން ދާތީ އެ ކުނި ނެގުމަށް އީޕީއޭ އިން އަންގައިފިއެވެ.
އީޕީއޭ އިން ބުނީ، ކައުންސިލުން މާލޭގެ ސަރަހައްދަކަށް ގަވައިދާ ހިލާފަށް ކުނި އެއްކުރަމުންދާ ކަން އެ އޭޖެންސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކުނިތައް ނަގައި އެ ތަން ސާފުކުރަން އަންގާފައިވާނެ ކަމަށެވެ.
މި މައްސަލަ ބަލަމުންދާ ކަމަށް ވެސް އެ އޭޖެންސީން ބުންޏެވެ.
މިކަމާ ގުޅިގެން ކައުންސިލުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ، އެކަމާ ގުޅިގެން އީޕީއޭ އިން ކައުންސިލަށް ސިޓީ އެއް ފޮނުވާފައި އެބައޮތް ކަމަށެވެ. އެ ސިޓީގައިވާ ގޮތަށް މަސައްކަތްކުރަމުން ދާނެ ކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ދީފައެވެ. ހަމަ އެއާއެކު ކައުންސިލުން ވަނީ ކުނީގެ މައްސަލަ ހައްލުކުރުމަށް އީޕީއޭ އިން އެއްބާރުލުން ދިނުމަށް އެދިފައެވެ.
"މިކަން ހައްލުކުރުމަށް އީޕީއޭ އިން ކައުންސިލަށް ވެސް އެއްބާރުލެއްވުން ދެއްވާ މި ކުނިތައް ބަހައްޓާނެ ވަކި ސަރަހައްދެއް ކަނޑައަޅައިދެއްވަން ޖެހޭނެ ކަމަށް ދެކެން،" ސިޓީ ކައުންސިލުން ފޮނުވި މެސެޖުގައި ބުންޏެވެ.
ކައުންސިލުން އިތުރަށް ބުނި ގޮތުގައި، ކައުންސިލްގެ ބިމެއްގައި ވަގުތީގޮތުން ކުނިތައް ބަހައްޓަން ޖެހުނީ މާލޭގެ މަގުތަކުން ކުނި ނަގައި ބާޖަށް ހުސްކުރަން ދިއުމުން، ވެމްކޯ އިން ކައުންސިލްގެ ލޮރީތަކަށް ހުރަސް އެޅުމުންނެވެ.
އިއްޔެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކައުންސިލުން ކުނި ނެގުމަށް ފަހު ވެމްކޯގެ ސައިޓަށް ކޮންމެ ދުވަހަކު ވެސް ބަރާބަރަށް ކުނި ގެންދާ ކަމަށެވެ.
އެ މައްސަލައިގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާ އެކު މަޝްވަރާ ކުރެވުނު ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދައިން ކަންވިޔަ ނުދިނުމަށް އެ އޮތޯރިޓީން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިން ކަމަށް މޭޔަރު ވިދާޅުވިއެވެ.