ފްލެޓާއި ގޯއްޗަށް ކުރިމަތިލާފައިވާ މީހުންގެ ފޯމުތައް ކަށަވަރު ކުރުމަށް ފަހު އެ ތަންތަން ލިބޭ މީހުން ކަނޑައަޅާ ކޮމިޓީއެއް އުފައްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ފޯމުތައް ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ޕްލޭނިން މިނިސްޓްރީއިން ކުރަމުން އަންނަ ކަމަށެވެ. އަދި ފޯމުތަކުގެ ކަށަވަރުކުރުމަށްފަހު ކޮމިޓީ އެކުލަވާލާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާނީ ހައުސިން މިނިސްޓްރީން ދީފައިވާ ޓައިމްލައިނަށް ކަމަށެވެ.

މިއަދު އެޗްޑީސީއިން ބުނީ އަންނަ މޭ މަހު ގޯތި ލިބޭ މީހުންގެ ނަންތައް އިއުލާންކުރާނެ ކަމަށެވެ. އަދި މީގެ ކުރިން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ އެޕްލިކޭޝަންތައް ބަލާނީ ރައީސް އުފައްދަވާ ހާއްސަ ކޮމެޓީއެއް އަކުން ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗެއްގެ އެންމެ ކުޑަ މިނަކީ 1،225 އަކަފޫޓެވެ. އެކަމަކު އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ، އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވެ އެވެ. އެގޮތަށް 4،000 އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރުކުރެވެ އެވެ.

މާލޭގައި ބޯހިޔާވަހިކަމަށް އޮތް ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ހުޅުވާޅި "ގެދޮރުވެރިން" ސްކީމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 35،000 އަށް ވުރެ ގިނަ ފޯމް ހުށަހަޅައިފައިވާއިރު މާލެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ ޖޫން މަހުގެ 26 ގައެވެ.