ވިލިމާލޭގައި ބަގީގެ ހިދުމަތް ދެމުން ގެންދާ ކުންފުނި ކަމަށްވާ ނައިންޓީ ނައިން ހޯލްޑިން އިން ވިލިމާލޭގައި ބަގީގެ ހިދުމަތް ނުދޭ ކަމަށް ބުނެ އެ ކުންފުންޏަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލު ކުރަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައި ކޯޓުން ބާތިލު ކޮށްފިއެވެ.
ބެޓެރި ބޭނުން ކޮށްގެން ދުއްވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް މަނާކޮށްފައި އޮންނަ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ބަޔަކާ ހަވާލުކުރީ ޖޫން 17، 2013 ގަ އެވެ. އިމް ޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި ނަމަވެސް އެ ކުންފުނިން ވަނީ "ނައިންޓީ ނައިން ހޯލްޑިން" ނަމަކަށް ކިޔާ ކުންފުންޏަކަށް ޖެނުއަރީ 16، 2014 ގައި މަސައްކަތްތައް ބަދަލުކޮށްފައެވެ.
އެ ކުންފުނީގެ ދަށުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދެމުން އަންނައިރު އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ދެމުންނުދާ ކަމަށް ވިލިމާލެ ކައުންސިލުން ބުނެއެވެ. އަދި ބަގީގެ ހިދުމަތް ދިނުމުގެ އެއްބަސްވުން ބާތިލުކުރަން މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ މެދު ތެރޭ ނިންމިއެވެ.
އެ ނިންމުމާއެކު ނައިންޓީ ނައިން ކުންފުނިން ކޯޓަށް ދިޔުމުން، ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލު ކުރުން ފަސްކުރަން ސިވިލް ކޯޓުން އަމުރުކުރިއެވެ.
ހައި ކޯޓުން މި އަމުރު ބާތިލް ކޮށްފައިވަނީ ސިޓީ ކައުންސިލުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އިއްޔެ ކުރި ހުކުމެއްގައެވެ.
މިގޮތުން 'ނައިންޓީ 9' އިން އެދިފައިވާ ވަގުތީ އަމުރުގެ ސަބަބުން އަސްލު މައްސަލައިގެ ހުކުމަށް އަސަރުކުރާނެ ކަމެއް ނެތް ކަމަށާއި މައްސަލައިގައި ދެ ފަރާތަށް ލިބޭ ގެއްލުން އަޅައި ކިޔައިގެން މެނުވީ ގެއްލުމުގެ ކުޑަ ބޮޑުމިން ވަޒަންނުކުރެވޭނެ ކަމަށް މި މައްސަލަ ހައި ކޯޓުގައި ބެލި ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވި ފަނޑިޔާރު މުހައްމަދު ސަލީމްގެ ރައުޔުގައި ބަޔާންކޮށްފައިވެއެވެ.
އެމްޓީސީސީން މިހާރު އަންނަނީ ވިލިމާލޭގައި ބަހުގެ ހިދުމަތް ދެމުންނެވެ. އެމްޓީސީސީން ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވަނީ މާލޭ ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދޭން ނިންމައި، ހިދުމަތް ދިނުމަށް ބޭނުންވާ ބަގީތައް ގެނައުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ. ކައުންސިލުން ބުނީ ވިލިމާލޭގައި ހިދުމަތް ދިނުމަށް 10 ބަގީ އެއް މި މަހު ފަހުކޮޅު ގެނެސް، އަންނަ މަހު ކުރީކޮޅު އެ ހިދުމަތް ފަށާނެ ކަމަށެވެ.