ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންގެ ތެރެއިން 31 ކާޓަން ސިނގިރޭޓް މަދުވެފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން 6 ކާޓަން ސިނގިރޭޓް މަދުވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި 32 ކާޓަން ސިނގިރޭޓަކީ މިދިޔަ މެއީ މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.

32 ކާޓަން ސިނގިރޭޓްގެ ތެރެއިން 6 ކާޓަން މަދުވެފައިވާ ކަން އެނގިފައި ވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ބެލި އިރު ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭގެ އިތުރުން މި މައްސަލައިގައި ކަން ހިނގާފައިވާ ބަލަމުން ދަނިކޮށް ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި އިތުރު 25 ކާޓްނަ ސިނގިރޭޓް ވެސް މަދުވެފައިވާ ކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ 25 ކާޓަން ސިނގިރޭޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސިނގިރޭޓް ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން ފުރަތަމަ މަދުވި 6 ކާޓަން ސިނގިރޭޓާ އެކު މި 25 ކާޓަންއާއެކު ޖުމްލް 31 ކާޓން ސިނގިރޭޓް މި ވަނީ ވި މަދުވެފައެވެ.

މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އިން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެއެވެ. އަދު މި މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.