"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ނަންތައް މި އަންނަ މާޗު މަހު އާންމުކޮށް އިއުލާން ކުރަން ހައުސިން މިނިސްޓްރީންއިން ނިންމާފައިވާ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ އެޗްޑީސީއާއި ހައުސިން މިނިސްޓްރީ ގުޅިގެން ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ޕްލޮޓްތައް ކްލިއާކޮށް، ގޯތި ކަނޑައެޅުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިއަދު މަސައްކަތް ފަށާފައި ވާކަމަށެވެ.

މިހާރު ކުރިއަށްދަނީ ގޯތި ދިނުމަށްވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްކަން ފާހަގަކޮށް އެޗްޑީސީއިން ބުނެފައިވަނީ ގޯތި ދޭ ސަރަހައްދުތަކުގެ ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތާއި ޔުޓިލިޓީގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގެ އެކި ސަރަހައްދުތައް ހިމެނޭހެން މި ސްކީމްގެ ދަށުން ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކީމްގެ ދަށުން ގޯތި ދޫކުރާ އިރު އެކަކު ގޯއްޗަށް އެދި ހުށަހަޅާ ނަމަ ލިބޭނީ 1،250 އަަކަފޫޓުގެ ބިމެކެވެ. އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. އެގޮތުން ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމްލަ 4،000 އަކަފޫޓުގެ ބިމެއް ކަމަށް އެ އުސޫލުގައި ވެއެވެ.

މާލޭގެ ބޯހިޔާވަހިކަމަށް އޮތް ދަތިކަމަށް ހައްލު ހޯދައި ދިނުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މި ސްކީމްގެ ދަށުން ގޯތި ހޯދުމަށް 15،164 ފަރާތަކުން ފޯމް ހުށަހަޅާފައިވެއެވެ.

މާލޭގައި ބޯހިޔާވަހިކަމަށް އޮތް ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ހުޅުވާޅި "ގެދޮރުވެރިން"ގެ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް މާލެ ސަރަހައްދުން 5000 ގޯތި ދޫކުރަން ސަރުކާރުން ނިންމައިފައި ވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި 4000 ފްލެޓް ވެސް މި ސްކީމްގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.