އެމްޑަބްލިއުއެސްސީން އއ.މަތިވެރީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މުޅި މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފެނުގެ ނިޒާމްގައި ހިމެނޭ 6.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތާއި، ފެން ރައްކާކުރުމަށްޓަކައި 2 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެެއް މިހާރު ނިމިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ،

މަތިވެރީގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ޖުމްލަ 38.83 މިލިއަން ދިވެހި ރުފިޔާގެ މިމަޝްރޫއު މަސައްކަތް ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.