ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު ބަލަހައްޓަމުން ގެންދާ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މުދާ އުފުލާ ބާލަން ހާއްސަ ކޮށްފައިވާ 4 އުޅަނދު ގެނެސްފިއެވެ.

އެމްޕީއެލް އިން ބުނީ، ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް މުދާ އެތެރެ ކުރާ މިންވަރު އިތުރުވެ ޓްރެފިކް ބޮޑުވާ ކަމަށާއި، އެހެންކަމުން މި އުޅަނދު ތަކުގެ ސަބަބުން އެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކުދި އަދި މެދު ސައިޒުގެ ބަނދަރުތަކަށް އެންމެ އެކަށޭނެ ގޮތަކަށް ފަރުމާ ކޮށްފައިވާ މި އުޅަނދުތަކަކީ ގިނަ މުދާ ތަކެއް އެއްފަހަރާ އުފުލުމުގެ އިތުރުން އޮޕަރޭޓް ކުރަން ފަސޭހަ އުޅަނދެއްކަން ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން ވެސް އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދާދިނުމަށް އެމްޕީއެލްއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުގެ ދާދި ފަހުން އެކުންފުނިން ވަނީ އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާ ފީ 75 ޕަސެންޓަށް ކުޑަކޮށްދީފައެވެ.

އޭގެ ސަބަބުން ރާއްޖޭގެ އުފެއްދުންތައް އެހެނިހެން ބާޒާރުތަކަށް ބޭރުކުރާ ފަރާތަކަށް ގިނަ ގުނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.