ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ އިދާރާގެ ހިންގުމުގެ ތެރެއިންނާއި މާލީ މުއާމަލާތްތައް ބެލެހެއްޓުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ތިނަދޫ ކައުންސިލުގެ 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓްގައިވާ ގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން އާންމުންނަށް ހުޅުވާލައިގެން ބައްދަލުވުންތައް ބާއްވާފައެއް ނުވެއެވެ. މީގެ އިތުރުން ކޮންޓްރެކްޓު މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް “ފިކްސްޑް އޯވަޓައިމް” ދިނުމާއި، ބިލުތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން އެ ކައުންސިލް ޖޫރިމަނާ ކޮށްފައިވާކަމަށް ވެސް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ރިޕޯޓްގައިވާ ގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑް އެ ކައުންސިލުން ބަލަހައްޓާފައެއް ވެސް ނުވެއެވެ. އަދި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދުތައް އެނގޭކަށް ނެތެވެ. މީގެ އިތުރުން ލިބެންޖެހޭ ފައިސާ ނުލިބި ހޭދަވި މުއްދަތާއި އެ ފައިސާ ހޯދުމަށް ކުރެވިފައިވާ މަސައްކަތުގެ އެއްވެސް މައުލޫމާތެއް އެނގެން ނެތްކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ދައުލަތުގެ މާލިއްޔާތު ގާނޫނުގެ ދަށުން ކޮންމެ މާލީ އަހަރެއް ނިމުމާ އެކު ތިން މަަސް ދުވަހުގެ ތެރޭގައި ތައްޔާރު ކުރަން ޖެހޭ އަހަރީ ރިޕޯޓު 2021 ވަނަ އަހަރު ކައުންސިލުން ހުށަހަޅާފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

ދައުލަތުގެ އާމްދަނީ ބެލެހެއްޓުމުގައި އަމަލުކޮށްފައިވާ ގޮތުގައިވެސް މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އޮޑިޓް ރިޕޯޓްގައި ވަނީ ކައުންސިލްގެ އިދާރާއަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 2021 ވަނަ އަހަރުގެ ޑިސެމްބަރު 01، 2021 ގެ ނިޔަލަށް ލިބިފައިވާ ފައިސާގެ ތެރެއިން 273،771 ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށެވެ. ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަންނަ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭކަން މާލިއްޔާތު ގާނޫނުގައި ބަޔާންކޮށްފައި ވާއިރު އެ ފައިސާ އެ އިދާރާގެ ބޭންކް އެކައުންޓުގައި ބަހައްޓާފައިވާ ކަމަށް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ،

މީގެ އިތުރުން 2021 ވަނަ އަހަރު ބައެއް ކުލީ ބިންތަކުން ގަވާއިދުން ފައިސާ ދައްކާފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި ބިންތަކުން ގިނަ އަދަދެއްގެ ފައިސާ ކައުންސިލްގެ އިދާރާއަށް ލިބެން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ. 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އެ ފަރާތްތަކަށް ފައިސާ ދެއްކުމަށް ސިޓީ ފޮނުވާފައި ވީ ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދާ އެއްގޮތަށް އެކިއެކި މަރުހަލާތަކުގައި އަޅާފައި ނުވާކަަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.