ދުނިޔޭގެ އެތަން މިތަނުގައި ގެރިބަކަރި އަކީ ނައަމްސޫފީގެ ތެރޭގައި އާންމު އެއްޗެކެވެ. ދަނޑު ގޮވާން ކުރުމާއި އެނޫންވެސް އެކި ބާވަތުގެ މަސައްކަތުގައި ގެރި ގެންގުޅޭ އިރު، އިންޑިއާ ފަދަ ބައެއް ގައުމުތަކުގައި އެއީ ކަލާނގެއަކަށް ހަދައިގެން އަޅުކަންވެސް ކުރާ އެއްޗެކެވެ. އޭގެ ނަޖިހާއި ފަހަރުވަ ނަގައިގެން އެކި ބޭނުންތައް ކޮށް ހަދާ އިރު، ގަވައިދުން ފަހަރުވަ ބޯ މީހުންވެސް އުޅެއެވެ.

ޓެކްނޮލޮޖީ ޖަޔަންޓް އަދި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓުސް މިފަހަރު އެހީވާން ނިންމީ، ގެރީގެ ފޮޑިއާއި ވައިން އުފައްދާ، ތިމާވެއްޓަށް ގެއްލުން ދޭ ނުވަތަ ދުނިޔޭގެ ހޫނުމިން މަތިވާން ދިމާވާ ގްރީން ހައުސް ގޭހާ އެކުވާ 'މެތޭން' ގެ މިންވަރު ދަށް ކުރުމަށެވެ. މި މެތޭން ގޭހަކީ ގްރީން ހައުސް ގޭސް މަތިވާން އެހީވެދޭ ކާބަންޑައި އޮކްސައިޑު ނަގާފައި ދެން އެންމެ މަތީ މިންވަރަކަށް ހިއްސާ ކުރާ ގޭހެވެ.

އޮސްޓްރޭލިއާގެ ސްޓާޓްއަޕް އެއް ކަމަށް ވާ ރޫމިން8 އިން އީޖާދު ކުރަމުންދާ ސީވީޑް ހިމެނޭ ކާނާއެއްގެ އިތުރު ތަހުލީލުތަކާއި އުފެއްދުންތަކަށް ބިލް ގޭޓްސް އެހީވާން ނިންމާފައި ވާ އިރު އެކުންފުނިން ބުނެފައި ވަނީ އެމީހުން އީޖާދު ކުރާ ކާނާގެ ސަބަބުން ގެރީގެ ފޮޑިއާއި ވައިން އުފެދޭ ގޭހުގެ މިންވަރު ދަށް ވާނެ ކަމަށެވެ.

ހިސާބުތައް ދައްކާ ގޮތުން ކުރިއަށް އޮތް 20 އަކަށް އަހަރު، ދުނިޔެ ހޫނުވުމަށް އެންމެ ބޮޑަށް އެހީވާނެ އެއް މާއްދާއަކީ މެތޭންއެވެ. އެގޮތުން ކާބަންޑައި އޮކްސައިޑަށް ވުރެ މެތޭން އިން ކުރާ އަސަރު 84 ގުނަ ބޮޑުވާނެއެވެ. އަދި މެތޭން އުފައްދާ ބައެއް ތަކެތި ކަމަށް ވާ، ތެލާއި، ނެޗުރަލް ގޭހާއި ދަނޑުވެރިކަމުގެ އެކި ވަސީލަތްތަކާއި، މައިނިންއާއި، ސްޓޭޝަނަރީސް ފަދަ އެއްޗެއްސަށް ވުރެ މާ ގިނައިން އުފެދޭ ކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައި ވަނީ ގެރި ބަކަރި ފަދަ ނައަމްސޫފިންކަން ވެސް ވަނީ ހޯދިފައެވެ.

ގެރި ކައިބޮއެ ހަދާއިރު އޭގެ ބަނޑުގައި ހުންނަ މައިކްރޯބްސްގެ ސަބަބުން މެތޭން ގޭސް އުފެދޭ މިންވަރު މަތިވެއެވެ. ނަމަވެސް މި ސީވީޑް އެއްކޮށްފައި ހުންނަ ކާ ތަކެތި ދިނުމުން އެ އަދަދު ބޮޑުތަނުން ދަށްވެ ހެޔޮ ނަތީޖާ ފެންނަ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި 2021 ވަނަ އަހަރު ހެދި ދިރާސާއަކުން ވެސް މިކަން ސާބިތުވެފައި ވާ ކަމަށާއި ގެރީގެ ކެއުމުގައި ސީވީޑް އެއްކުރުމުން މެތޭން އުފެދޭ މިންވަރު 80 ޕަސެންޓް ދަށްވެފައި ވާކަމަށް ވެސް ބުނެއެވެ.

އެ ކުންފުނިން މަސައްކަތް ކުރަނީ ރެޑް ސީވީޑް (އެސްޕަރަގޮޕްސިސް) ލެބޯޓަރީރަކުގައި އުފައްދާ ފުޅާ ދާއިރާއެއްގައި ގެރީގެ ކެއުމުގައި ހިމަނާށެވެ. އަދި މިހާރު ލިބިފައި ހުރި މާލީ އެހީއާއެކު އަހަރުގެ ފަހުކޮޅު ފިޔަފާރީގެ އުސޫލުން ބޭނުން ކުރެވޭ ވަރަށް ސީވީޑް ހިމެނޭ ކާނާ ބާޒާރަށް ނެރެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އުފެއްދުންތެރިން މިބާވަތުގެ އެކިއެކި އީޖާދުތައް ކުރަމުން ދާ އިރު ނައަމްސޫފީގެ ފޮޑިއާއި ވައިން އުފެދޭ ގޭހުގެ މިންވަރު ދަށް ކުރުމަށް ބައެއް ގައުމުތަކުން ގާނޫނީ ފިޔަވަޅުތައް ވެސް އަޅަމުން ދެއެވެ. އެގޮތުން ނިއުޒީލަންޑުން ވަނީ ނައަމްސޫފި ވައި ލައްވާނަމަ ދަނދުވެރިންގެ އަތުން ޓެކްސް އެއް ނަގަން ވެސް ވިސްނާކަމަށް ބުނެފައެވެ.