ކ. ވާވެއްދިފަރަށް ބާޖަކާއި ޓަގެއް އެރުމާ ގުޅިގެން ލިބުނު ގެއްލުންތަކަށް އެ ދެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ މިދިޔަ އަހަރުގެ ޖުލައި 23 ގައި އެ ދެ އުޅަނދު ފަރަށް އެރުމާ ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކުގެ ބަދަލަށް 100 މިލިއަން ރުފިޔާ ދައްކަން އެ ދެ އުޅަނދުގެ ވެރިފަރާތް ކަމަށްވާ ދި މިޑްލްއީސްޓް މެރިން އެލްއެލްސީ އަށް އަންގާފައިވާ ކަމަށެވެ.

މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އިން މިދިޔަ އޮގަސްޓު މަހު އެ ސަރަހައްދަށް ގޮސް ސާވޭކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ، އެ ފަރުގެ 3926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވިފައި ވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ، ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 148,381,500.00ރ. ނަމަވެސް ތިމާވެށްޓާބެހޭ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާއަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ ޖޫރިމަނާގެ އަދަދު 100 މިލިއަން ރުފިޔާއަށް ދަށްވީ ކަމަށެވެ.

އެފައިސާ ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދި މިޑްލްއީސްޓް މެރިން އެލްއެލްސީއަށް ދީފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.