ކެމްޕެއިން ކުރައްވައި މީހުން ގާތަށް ވަޑައިގެން ތާއީދު ހޯއްދައިގެން ރައީސްއަށް އިންތިހާބެއް ކާމިޔާބެއް ނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތުގައި އަތޮޅު ތެރެއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ހޯއްދަވައިގެން އެއްވެސް އިންތިހާބެއް ކާމިޔާބު ކުރައްވާފައި ނުހުންނާނެ ކަމަށާއި އަބަދުވެސް ކާމިޔާބުގެ ތެރެއަށް ރުފިޔާ އިންތިހާއަށް ވަދެފައި އޮންނާނެ ކަމަށެވެ. އަދި ކަންކަން މެނިޕިއުލޭޓް ކުރެއްވުމަކީ ރައީސް ސޯލިހު ކުރައްވާ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް މީގެ ތެރޭގައި ބޭނުން ކުރުމާއި އެފަދަ ހުރިހާ ބާވަތެއްގެ ކަމެއްވެސް ރައީސް ސޯލިހު ކުރައްވާ ކަމަށާއި މި އިންތިހާބުގައި ނަޝީދު ހުންނަވާނީ ހޭލާ ކަމަށް ވިދާޅުވިއެވެ. އަދި ވަނީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް ވިދާޅުވެ އެެހެންނަމަވެސް އެމަނިކުފާނަށް އޮތް ތާއިދު ބޮޑުވުމުން އެކަން ކުރަން [މެނިޕިއުލޭޓް ކުރަން] އުނދަގޫވާނެ ކަން ފާހަގަ ކުރައްވާފައެވެ.
މި އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވާއިރު ރައީސް ސޯލިހާއި ނަޝީދުވެސް ގެންދަވަނީ ކެމްޕެއިންނާ ގުޅޭގޮތުން ތުހުމަތުތައް ކުރައްވަމުންނެވެ. އެގޮތުން މަޝްރޫއުތަކާއި ގޯތި ދޫކުރަނީ އިންތިހާބާ ދިމާކޮށް ކަމަށް ނަޝީދުގެ ފެކްޝަނުން ތުހުމަތު ކުރާ އިރު ރައީސް ނަޝީދު ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ވެސް ނިކުންނަ ކަމަށް ސޯލިހުގެ ފެކްޝަނުން ތުހުމަތު ކުރެއެވެ.