ގާނޫނީ ދާއިރާ އިން ދަސްވެނިފައިވާ 176 ދަރިވަރަކު ބައިވެރިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ ބާ އިމްތިހާނުން 68 ޕަސެންޓް ދަރިވަރުން ފާސްވެއްޖެއެވެ.

ބާ އިމްތިހާނުގެ ނަތީޖާ ދޫކުރާކަން އާއްމުކުރަމުން ބާ ކައުންސިލުން ބުނީ ހުރިހާ ދަރިވަރުންގެ އެވްރެޖްއަކީ 66 ޕަސެންޓް ކަމަށާއި ޓޮޕް އެޗީވާސް ލިސްޓްގައި 18 ދަރިވަރުން ހިމެނިފައިވާ ކަމަށެވެ.

ޓޮޕް އެޗީވާސް ލިސްޓްގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ 7 ދަރިވަރުން، ޔުނިވާސިޓީ އޮފް ލަންޑަންގެ 6 ދަރިވަރުން އަދި ވިލާ ކޮލެޖްގެ 4 ދަރިވަރުން ހިމެނިފައިވެއެވެ.

އެއް ވަރަކަށް މާކްސް ލިބިގެން ބާ އިމްތިހާން ގެ އެއް ވަނަ އަށް 3 ދަރިވަރުން ގޮސްފައިވާއިރު އެ ދަރިވަރުންނަކީ މުހައްމަދު އަރްޒަން އާސިފް (ޔުނިވާސިޓީ އޮފް ލަންޑަން)، ހުސައިން ޒަމީލް (ޔުނިވާސިޓީ އޮފް ލަންޑަން)، އަދި އިޝާގް ހުސައިން (ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ) އެވެ.

އަންނަ ފެބްރުއަރީ މަހު 20 ވަނަ ދުވަހު ބާއްވާ ބާ އެޑްމިޝަންސް ސެރެމަނީގައި ޓޮޕް އެޗީވާސްއަށް ހޮވުނު ދަރިވަރުންނަށް ޝަރަފު އަރުވާނެ ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުން ބާ ކައުންސިލުން ބުނީ ރާއްޖޭގައި ބޭއްވި ފުރަތަމަ ބާ އިމްތިހާނުން ފާސްވެ، ލައިސަންސް ހޯދާފައިވާ ގާނޫނީ ވަކީލުންނަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވަމުންދާ ކަމަށެވެ.

ބާ އިމްތިހާން ކުރިއަށް ގެންދިއުމަށް އެކި ގޮތް ގޮތުން އެހީ ތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ބާ ކައުންސިލުން ޝުކުރު އަދާކުރިއެވެ. އަދި ބާ ކައުންސިލުން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ، ޔުނިވާސިޓީ އޮފް ލަންޑަންގެ އިތުރުން ވިލާ ކޮލެޖްއިން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް މަރުހަބާ ކިޔާފައެވެ.

ބާ އިމްތިހާނަކީ ގާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަން ޖެހޭ އިމްތިހާންއެކެވެ. އަދި މިއީ ބާ އިމްތިހާނު ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.