މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ދައުވާކޮށްފައިވާ އަލީ ޝާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ.

ޝިއާއު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވާއިރު އެ ދައުވާތަކުގެ ތެރޭގައި މިހާތަނަށް ޕީޖީއިން ހާމަކޮށްފައި ވަނީ ތިން ދައުވާއެކެވެ. އެއީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

އެކަމާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ދަ ޕްރެސް" އަށް ވިދާޅުވީ އެ ދައުވާތައް ސިއްރުކޮށްފައި ވަނީ އާއިލާގެ މަސްލަހަތަށްޓަކައި ކަމަށާއި ތަހުގީގީ މަރުހަލާގައި އާއިލާއިން އެދިގެން ހާމަ ނުކުރަން ހުރި ބައެއް މައުލޫމާތުތައް ވެސް ހިމެނޭތީ ކަމަށެވެ.

ދައުލަތުގެ އެދުމުގެ މަތިން އެ ޝަރީއަތް ސިއްރުކޮށްގެން މިއަދު 11 ޖަހާއިރު ފަށާފައި ވާއިރު އެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ، ދައުލަތުގެ ހަރަދުގައި ޝާހިލަށް ވަކީލަކު ހަމަޖައްސަން ކޯޓުން ފުރުސަތު ދިނުމަށް ނިންމާފައެވެ.

ޝިއާއުގެ މަރާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މައްސަލަ ތަހްގީގު ކުރެއްވި ޗީފް އިންވެސްޓިގޭޓަރު، އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ، ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް، އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުތަކުން އެނގެން އެބައޮތް ކަމަށެވެ.

ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ، އެ މައްސަލައިގައި ޝާހިލް ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަން ވެސް ސާފު ކަމަށެވެ. އަދި އެ މައްސަލަ ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް އޭނާ މީގެ ކުރިން ވިދާޅުވެފައި ވެއެވެ.