ހުސްވި އަހަރު ނިމެނިކޮށް އެމެރިކާއަށް ކުރިމަތިވި ބޯ ސްނޯގެ ތޫފާނުގައި ސްނޯ ކަހަން އުޅެނިކޮށް މެޝިނެއްގެ ދަށުގެ އެވެންޖާސްގެ ތަރި ޖެރެމީ ރަނާ (ހޯކައި) ގެ ހަށިގަނޑުން 30 ކަށިކޮޅު ބިނދުނު ކަމަށް ބުނެފިއެވެ.
އޭނާ ބުނީ، އެކަމުގެ ސަބަބުން ހެނދުނުގެ ކަސްރަތު ޕްލޭން ވެސް ހުއްޓިއްޖެ ކަމަށާއި ރިކަވާ ވާން އަދި ވަރަށް ދުވަސް ނަގާނެ ކަމަށެވެ.
ޖެރެމީ، މެޝިންގެ ދަށުވީ އޭނާ ދިރިއުޅޭ ނެވާޑާގެ ގޭގެ ދޮރުމަތީގައި ސްނޯ ބޯވެފައި އޮއްވާ، އެ ގެއަށް ޒިޔާރަތް ކުރި ތިމާގެ މީހަކު ގެއާ ކައިރިން ސްނޯގެ ތެރޭގައި ކާރުގައި ތާށިވުމުން މަގު ސާފުކުރަން އުޅުމުގެ ތެރޭގައެވެ. ޖެރެމީ އާ ހަވާލާދީ ފުލުހުން ބުނީ، އޭނާ ސްނޯތައް ކެހުމަށް ފަހު މެޝިން ނިއްވާ ނުލައި މެޝިނުން ފައިބައިގެން ގޮސް ކާރުކައިރީގައި ހުއްޓާ، މެޝިން އޭނާއާ ދިމާއަށް އަންނަ ތަން ފެނި ކުއްލިއަކަށް މެޝިނަށް އަަރަން މަސައްކަތް ކުރި މަގުތު ކައްސާލައިގެން ވެއްޓުނީ ކަމަށެވެ. އެއާއެކު މެޝިން ދިޔައީ އޭނާގެ ގައިމަތިން ކަމަށާއި އޭނާގެ އިސްކޮޅަށް ވުރެ ދިގު އެ މެޝިންގެ ދަށަށް އެއްކޮށް އޭނާ ވަން ކަމަށް ވެސް ބުނެއެވެ. އެ މެޝިން ހުއްޓުނީ އޭނާގެ ގައިމަތިން ގޮސް މަގުގެ އަރިމަތީގައި ހުރި ސްނީތަކުގެ ތެރެއަށް ވަދެ ތާށިވުމުންނެވެ.
ޖެރެމީ އަކީ އެވެންޖާސް ފިލްމުތަކުގައި ހޯކައިގެ ބައި ކުޅޭ ކުޅަދާނަ ފަންނާނެކެވެ. ދިވެހިންގެ ތެރޭގައިވެސް މަގުބޫލު މި ތަރި މަރާ ހަނގުރާމަ ކުރަމުން ދިޔަ އިރު ހާއްސަ އެހީގެ ޓީމުތަކުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީވެސް އަށިގަނޑަކަށް ލައިގެން ހެލިކޮޕްޓަރުގައި އުފުލައިގެންނެވެ.
ފުރާނަ ސަލާމަތް ކުރުމަށް ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހުނު ހޯކައި ބުނީ، ކުޑަ ވަގުތުކޮޅަކަށް މަރުވީ ކަމަށް ހީވި ކަމަށާއި ނޭވާ ނުލެވި އިރުގަނޑަކު އޮންނަން ޖެހުނު ކަމަަށެވެ.
ޑޮކްޓަރުންނާ ހަވާލާދީ ހަބަރުތަކުން ބުނެފައި ވަނީ، ޖެރެމީގެ މޭ ކަށިތަކާއި އަދި ހަށިގަނޑު އެތަން މިތަނުން 30 ކަށިކޮޅެއް ބިނދިފައި ހުރި ކަމަށެވެ.
އުމުރުން 52 އަހަރުގެ ޖެރެމީ ގެންދަނީ މިހާރުވެސް ފަރުވާ ހޯދަމުންނެވެ.