އެމްޓީސީސީން ވިލިމާލެ އަށް މިނީ ބަހުގެ ހިދުމަތް މިއަދު ތައާރަފްކޮށްފިއެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް ކުރިން ދިން ނަމަވެސް، މިއީ ބަހުގެ ހިދުމަތް ވިލިމާލެ އަށް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މާލޭގައި ބޭނުންކުރާ ބަސްތަކާ ހިލާފަށް، ވިލިމާލޭގައި ބޭނުންކުރަނީ 11 މީހުންނަށް އިށީނދެ އިނދެ ތިބެވޭ، ހަތަރު މީހުންނަށް ކޮޅަށް ހުރެވޭ ޖުމްލަ 15 މީހުންގެ ޖާގައިގެ އިލެކްޓްރިކް މިނީ ބަސްތަކެވެ. ވިލިމާލޭގައި އެމްޓީސީސީން މިނީ ބަހުގެ ހިދުމަތް ދިނުމަށްޓަކައި ހަ އިލެކްޓްރިކް ބަހެއް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިލިމާލޭގެ 10 ތަނަކަށް ކޮންމެ 5-10 މިނެޓު ތެރޭ ބަސް ދަތުރުކުރަމުން ދާނެ ކަމަށާއި، ކޮންމެ ދުވަހަކު ފަތިހު 5:35 އިން ފެށިގެން ދަންވަރު 12 ގެ ނިޔަލަށް ބަހުގެ ހިދުމަތް ދެމުން ގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ވިލިމާލޭގައި ބަހުގެ ހިދުމަތް، އެމްޓީސީސީގެ އެމްޑީ އާޒިމް ތައާރަފްކޮށްދެއްވަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

މި ހިދުމަތް ތައާރަފްކުރުމަށް ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ވިލިމާލެ އަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ވާތީ، ބޭނުންކުރަމުން ދާނީ މާހައުލާ އެކަށީގެންވާ ބަސްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަވިދޭ ވަގުތުތަކާއި ވިއްސާރަ ދުވަސް ދުވަހު ތަންތަނަށް ދިއުމަށް ދަތިވާކަމުގެ ޝަކުވާ ވިލިމާލޭގައި ދިރިއުޅޭ އާންމުންގެ ފަރާތުން ވަނީ ލިބިފައެވެ.

"ވިލިމާލޭގައި ރައްޔިތުން ދިރިއުޅެމުން ދާތާ އެތައް އަހަރެއްވެގެން ދިޔައިރުގައި ވިލިމާލޭގައި އެކަށީގެންވާ ޓްރާންސްޕޯޓް ނެޓްވޯކެއް ނެތުމަކީ ވިލިމާލޭ ރައްޔިތުންނަށް ވަރަށް ދަތިވެފައިވާ ކަމެއް. ހާއްސަކޮށް ވިލިމާލޭގަ ދިރިއުޅޭ ދުވަސްވީ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ސްކޫލް ކުދިންނަށް،" އާޒިމް ވިދާޅުވިއެވެ.

ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެނައި ބައެއް ބަސް / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

މިއަދުން ފެށިގެން ދެ ހަފްތާ ވަންދެން ބަހުން ހިލޭ ދަތުރުކުރެވޭނެ ކަމަށާއި، އާންމުންގެ ފަރާތުން ލިބޭ މައުލޫމާތަށް ބެލުމަށްފަހު ރޫޓްތަކަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ ބަދަލު ގެންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެ މުއްދަތަށް ފަހު އުމުރުން ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަން ނިންމާފައި ވަނީ މާލޭ ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދޭން ނިންމައި، ހިދުމަތް ދިނުމަށް ބޭނުންވާ ބަގީތައް ގެނައުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ. ކައުންސިލުން ބުނީ ވިލިމާލޭގައި ހިދުމަތް ދިނުމަށް 10 ބަގީ އެއް މި މަހު ފަހުކޮޅު ގެނެސް، އަންނަ މަހު ކުރީކޮޅު އެ ހިދުމަތް ފަށާނެ ކަމަށެވެ.