އަމިއްލަ ދަތުރުފުޅެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލަންކާއަށާއި މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.

އެކަން ހާމަކުރައްވާ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، އެމްއާރްއެމް އިން ބުނީ އެ ޕާޓީގެ ޒައީމް އެ ދަތުރުފުޅުގައި ފުރައިވަޑައިގެންނެވީ އިއްޔެ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އެ ޕާޓީއަކުން ވެސް ހާމައެއް ނުކުރެއެވެ.

އަމިއްލަ ދަތުރު ފުޅެއްގައި ދެ ގައުމަކަށް ވަޑައިގަންނަވާއިރު ދާދިފަހުން މި މަހުގެ 13 ވަނަ ރައީސް މައުމޫން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އަދި ހަމަ އެ ދުވަހު ޓެސްޓްތަކެއް ހެދުމަށް ފަހު މައްސަލައެއް ނެތުމުން ގެއަށް ވަނީ ދޫކޮށްލާފައެވެ.

ގިނަ ދުވަސްތަކެއްފަހުން ރައީސް މައުމޫން މިދިޔަ މަހުގެ ތެރޭގައި ވަނީ އަތޮޅު ތެރޭގެ ރަށަކަށް ވަޑައިގެންފައެވެ. ށ. މިލަންދޫއިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވިދާޅުވިއިރު، ރައީސް މައުމޫން މިލަންދޫއަށް ވަޑައިގެންނެވީ ށ. މާކަނޑޫދޫން އެ އަތޮޅު މިލަންދުއަށް ބަދަލުވި މީހުންގެ ތެރެއިން މަސައްކަތްތެރިންނާއި މިލަންދޫއަށް ހިދުމަތް ކޮށްދިން މީހުންނަށް އެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

އަމިއްލަ ދަތުރުފުޅެއްގައި ރައީސް މައުމޫން ގައުމުން ބޭރަށް ވަޑައިގެންނެވިއިރު އެމްއާރްއެމް ހިމެނޭ ސަރުކާރުގެ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއެކު ސިޔާސީ މަސްރަހު މިދުވަސްވަރު ވަނީ ހަލަބޮލިވެފައެވެ. ކޯލިޝަންގައި ހިމެނުނު ކަމުގައި ވިޔަސް ސަރުކާރުގެ ބައެއް ކަންކަމަށް އެ ޕާޓީއިން އަންނަނީ ފާޑުކިޔަމުންނެވެ.