ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާއެކު ބޮޑުތިލަދުންމަތި އިގްތިސޯދީ ވަރުގަދަ ހަބަކަށް ހެދުމަށް މަގުފަހިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް މިރޭ ހަނިމާދޫގައި ބާއްވަމުންދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފެށިގެން ދިޔައީ ބޮޑު ތިލަދުންމައްޗަށް ތާރީހުގައި ވެސް އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށާއި މިއަދަކީ ބޮޑު ތިލަދުންމައްޗަށާއި މިލަދުންމަޑުލު އުތުރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި ހަނިމާދޫ އަދި ބޮޑުތިލަދުންމަތީގެ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހިގެން ހިންގައްޖެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މަޝްރޫއު ހިންގުމަށް އެކަމަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހި ނިމިފައި ކަމަށާއި މިއީ އަހަރު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ރީތި ފަސިންޖާ ޓާމިނަލް ހިމެނޭ ފްރޮޖެކްޓެއް ކަމަށެވެ.

ހަނިމާދޫގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް އެއާޕޯޓް

2.46 ކިލޯ މީޓަރުގެ އާ ރަންވޭ އަކީ ދުނިޔޭގެ ބައްރު ތަކުން ގިނަ ފަސިންޖަރުން އުފުލޭނެ ބޮޑެތި މަތިންދާ ބޯޓު ފަހަރަށް އަޅާ ރަންވޭއެއް ކަމަށާއި މީގެ އިތުރަށް ބައިނަލްއަގުވާމީ އެއާޕޯޓަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހަނިމާދޫގައި ގާއިމް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ އެއާޕޯޓު ވެގެންދާނީ ބޮޑު ތިލަދުންމައްޗާއި އުތުރުގެ ރައްޔިތުން ފަހުރުވެރިވާނޭ ފަދަ ޒަމާނީ އެއާޕޯޓަކަށް ކަމަށާއި ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކާއި ރިސޯޓްތަކުގެ އެނދުތައް ބޮޑުތިލަދުން މަތީގައި އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށެވެ. އަދި އެކި ބާވަތްތަކުގެ ވިޔަފާރިތަކާއި އިގްތިސޯދީ މަސައްކަތްތަކާއި ގިނަ ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށާއި އެ ސަރަހައްދުގެ އިގްތިސޯދު ފެނުން ތޮޅެލާ، އުދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ އެއާޕޯޓަކީ ތަރައްގީގެ ރަސް މަގަށް ހުޅުވޭ މައި ދޮރާށިކަން ހުޅުލެއިން ސާބިތުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ގިނަ މަޝްރޫއުތައް ހިނގަނީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަމަށާއި އިންޑިއާއަކީ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަން ފާހަގަ ކުރައްވާފައެވެ