ޔޫކްރައިންގެ ދާހިލީ ވަޒީރާއި އެ ވުޒާރާގެ އިސް އޮފިޝަލުންތަކެއް ދަތުރު ކުރެއްވި ހެލިކޮޕްޓަރެއް އެކްސިޑެންޓް ވެ ޖުމްލަ 16 މީހަކު މަރުވެއްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި ކުޑަ 2 ކުދިންވެސް ހިމެނެއެވެ.
ހަބަރުތައް ބުނާގޮތުން ހެލިކޮޕްޓަރު ވެއްޓިފައި ވަނީ، ޔޫކްރައިންގެ ވެރިރަށް ކީވްގެ ބޭރުން ބްރޮވަރީގައި ހުރި ނާސަރީއެއްގެ ކައިރިއަށް ކަމަށާއި ހާދިސާ ހިނގަން މެދުވި ސަބަބު އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނެއެވެ. މިހާދިސާގައި ހެލިކޮޕްޓަރުގައި ތިބި އެންމެން މަރުވި އިރު ހެލިކޮޕްޓަރު ވެއްޓުމުގެ ސަބަބުން އިތުރު ބަޔަކަށް އަނިޔާވެފައި ވާ ކަމަށާއި ރެސްކިއު މަސައްކަތް ކުރާ އޮފިޝަލުން މިހާރު އެ މަސައްކަތުގައި އުޅޭ ކަމަށް ބުނެއެވެ.
ޔޫކްރައިންގެ އޮފިޝަލުން ބުނާ ގޮތުން، ހެލިކޮޕްޓްރު ވެއްޓުނު ސަރަހައްދުގެ ވިސިބިލިޓީ (ދުރުފެންނަ މިންވަރު) ވަރަށް ނުސާފު ވެފައި އެއީ ވެއްޓެން ދިމާވި ސަބަބު ކަމަށް ވީ ނަމަވެސް ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވިދާނެ ކަންތައްތައް ހުރިތޯވެސް ބަލަމުން ދާ ކަމަށް ބުނެއެވެ. ޔޫކްރައިން އިން އެ ތުހުމަތު އަޅުވަނީ ރަޝިއާގެ ބޮލުގައެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން، ހެލިކޮޕްޓަރު އުދުހުނު ސަރަހައްދަކީ އެ އުޅަނދުތަކުގެ ޕައިލެޓުން އަބަދާ އަބަދު އުދުހޭ ސަރަހައްދެއް ކަމަށާއި، މޫސުން ގޯހަސް، ދުރު ނުފެނުނަސް، ޖެހިދާނެ ފަދަ އެއްޗެއް ނުވަތަ ތަނެއް ހުރި ދުރުމިނާއި ތަންތަން އެމީހުންނަށް އެނގޭނެ ކަމަށެވެ. ނަމަވެސް ދާހިލީ ވަޒީރު ކުއްލި ގޮތަކަށް އެ ދަތުރު ކުރައްވަން ޖެހިވަޑައިގެންނެވި ސަބަބު ޔޫކްރައިން ސަރުކާރުން ހާމަ ކުރަން ދެކޮޅުހަދާކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ވެއްޓުނު ހެލިކޮޕްޓަރުގައި އިންޓީރިއާ މިނިސްޓަރުގެ އިތުރުން އޭނާގެ ޑެޕިއުޓީއާއި އެ މިނިސްޓްރީގެ ސްޓޭޓް ސެކްރެޓަރީ ވެސް އިންނެވިއެވެ.
މި ހާދިސާގައި މަދުވެގެން 22 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ދެމުން ދާ އިރު ހެލިކޮޕްޓްރު ވެއްޓުނު ސަރަހައްދުން 10 ކުއްޖަކު ސަލާމަތް ކޮށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދާ ކަމަށް އޮފިޝަލުން ބުނެއެވެ.