ވިލިމާލެއަކީ އިންޖީނު އުޅަނދު އާންމުކޮށް ދުއްވުން މަނާ ތަނެއްކަމުން އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަކީ ގިނަފަހަރުު އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. ނަމަވެސް މިކަމަށް މިސަރުކާރުގެ ސިޔާސަތުގެ ދަށުން ވިލިމާލޭ ރައްޔިތުންނަށް ހައްލެއް ގެނެސްދިނުމަށް މިވަނީ މަސައްކަތް ފަށާފައެވެ.
އެގޮތުން މާލެ އަދި ހުޅުމާލެ އާއި އެއްފަސްގަނޑަކުން މިވަގުތު ގުޅިފައި ނެތް ވިލިމާލެއަށް އާރްޓީއެލް ގެ ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް ވާނެޖެހޭ ތައްޔާރީތައް ވެ އަންނަ ހުކުރުދުވަހު ހިިދުމަތް ފަށަން އެމްޓީސީސީން ވަނީ ނިންމާ އިއުލާން ކޮށްފައެވެ.
މާލެއާއި ހުޅުމާލޭގައިވެސް މިހިދުމަތް ފޯރުކޮށްދެމުން އަންނަ އެމްޓީސީސީން އިތުރަށް ބުނީ، ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުން ކުރަމުން ދާނީ ތިމާވަށްޓާއި ރައްޓެހި (އިލެކްޓްރޮނިކް ވެހިކަލް) އީވީ ބަސް ކަމަށެވެ. އަދި މި ބަސްތަކަކީ 11 މީހުންނަށް އިށީނދެ ތިބުމުގެ އިތުރުން 4 މީހުންނަށް ކޮޅަށް ތިބެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ބަސްތަކެކެވެ.
މި ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު ކުރިއަށް ދަނީ، ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްކަން ފާހަގަ ކޮށް އެކުންފުނިން ބުނީ ބަސް ދުއްވުމަށް ހަމަޖެހިފައިވާ ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތު އެކުންފުނިން ކުރިއަށްއޮތް ދުވަސްތަކުގައި ހާމަ ކުރާނެ ކަމަށެވެ.
މިއަދު މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ވެސް ވަނީ ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ހިދުމަތް ފެށުމަށް ތައްޔާރުވެފައި ވާކަމަށް ބުނެ އެކަން ވެސް އިއުލާން ކޮށްފައެވެ. މިކަން އިއުލާނު ކުރުމަށް ކައުންސިލް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ހިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މިމަހުގެ ފަހުކޮޅު މާލެ ގެނެވި ފެބްރުއަރީ މަހުގެ ކުރީކޮޅު އާންމުންނަށް ހިދުމަތް ފޯރުކޮށްދެވޭ ވަރުވާނެކަމަށެވެ.
އޯގަސްޓް 17، 2022 ގައި ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައި ނިންމާފައިވާ ގޮތުގެ މަތިން މި ހިދުމަތް ފޯރު ކޮށްދިނުމަށްޓަކައި ގެނެވޭ ބަގީތަކުގެ ތެރޭގައި ފޮށިގަނޑު ފަދަ ތަކެތި ލެވޭ ގޮތަށް ހެދިފައިވާ 2 ބަގީ އާއި، ކުއްލި ހާލަތުގައި އިމަޖެންސީ ކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ 1 ބަގީ ހިމެނެއެވެ. މީގެ އިތުރުން 4 ސީޓުގެ 3 ބަގީ އާއި 6 ސީޓުގެ 3 ބަގީގެ އިތުރުން 12 މީހުންގެ ޖާގަ ހިމެނޭ 1 ބަގީ ގެންނާނެ ކަމަށްބުނެފައި ވެއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގަ ދިރިއުޅޭ ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ މަތިން ރައްޔިތުން އެދޭ ގޮތަށް ކަމަށް އެކައުންސިލް ބުނެއެވެ.
ވިލިމާލެއަކީ މިހާރު މާލެއާ ދޭތެރޭ ކަނޑުމަގުން ފެރީ ކުރާ ތަނަކަށް ވުވުމުގެ އިތުރުން އާންމު އެއްގަމު އުޅަނދު ނެތި ފައިމަގުގައ އުޅޭ ޖާގައިގެ ގޮތުން ކުޑަ ތަނަކަށް ވާއިރު ބަހުގެ އިތުރުން ބަގީގެ ހިދުމަތް ފެށުމުން، އާންމު ރައްޔިތުންނަށް އެކަމުން ވެގެންދާނީ ފަސޭހަތޯ އުނދަގޫތޯ ނިންމަން އަދި ތަންކޮޅެއް އަވަހެވެ.