ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮވެގެން އަނބިމީހާއަށް ގޯއްޗަށް އެދި ހުށަހެޅި ފޯމެއް އދ. މާމިގިލި ކައުންސިލް އިދާރާއިން ބާތިލުކުރި މައްސަލަ ހަތް އަހަރު ފަހުން ސުޕްރީމް ކޯޓުގައި މިއަދު ކާމިޔާބު ލިބިއްޖެއެވެ.

މާމިގިލިން 2000 އަކަފޫޓުގެ 150 ގޯތި ދޫކުރުމަށް 2016 ގައިި ކައުންސިލުން ކުރި އިއުލާނަކާ ގުޅިގެން އެ ރަށު އަންހެނަކު ފޯމު ހުށަހެޅި ނަމަވެސް ގޯތި ލިބޭނެ މީހުންގެ ނަންތައް އާންމުކުރި އިރު އޭނާގެ ނަން ނެތުމުން އެކަން ސާފުކުރަން ހުށަހެޅުމުން ކައުންސިލުން އެންގީ ގޯއްޗެއް ނުލިބުނީ ދެމަފިރިންނަށް ގޯތި ނުލިބޭ އުސޫލުގެ ދަށުން ފިރިމީހާގެ ނަންމަތީގައި ކ. ވިލިނގިލީގައި 1400 އަކަފޫޓުގެ ގޯއްޗެއް އޮންނާތީ ކަމަށެވެ.

ފިރިމީހާއަށް ލިބުނު ގޯއްޗަކީ އޭނާ ކުރިން އިނދެގެން އުޅުނު މީހާއާ އެކީ އުޅުނު އިރު ލިބުނު ގޯއްޗެއް ކަމަށާއި އެތަނުގައި ދިރިއުޅެމުން ދިޔައީ ފިރިހެން މީހާ އެ ކައިވެންޏަށް ލިބިފައި ތިބި ދަރިން ކަމަށް ބުނެ އަންހެން މީހާ ވަނީ އެ ރަށު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި ގޯތި ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ފިރިމީހާގެ އިތުރު ގޯއްޗެއް އޮތުމުން ގޯތި ނުލިބޭ ކަމަށް ކުރިން ބުނެފައެއްވެސް ނުވެއެވެ.

އަންހެން މީހާއާ ދެކޮޅަށް މާމިގިލީ މެޖިސްޓްރޭޓް ކޯޓާއި ހައި ކޯޓުން ވެސް މައްސަލަ ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ފިރިމީހާގެ ނަމުގައި ގޯއްޗެއް ނެތުމަކީ ޝަރުތެއްގެ ގޮތުގައި އުސޫލުގައި ބަޔާން ކޮށްފައި ނެތް ކަމަށާއި އެފަދަ ޝަރުތެއް ހިމެނެނީ ހައުސިން މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވާއިރު އެފަދަ ހުއްދައެއް ވެސް އެ މިނިސްޓްރީން ދީފައިނުވާ ކަމަށެވެ.

އެ މީހާގެ ފޯމް ކައުންސިލުން ބާތިލްކުރީ ގޯސްކޮށް ކަމަށާއި އެހެންނަމަވެސް މިހާރު ގޯތި ދޫކޮށް ނިމިފައިވާތީ ދެން ގޯތިދޭ ބުރެއްގައި ޝަރުތު ހަމަވާނަމަ ގޯއްޗެއް ދޭން ވަނީ އުމުރުކޮށްފައެވެ. އަދި ފިރިމީހާގެ ގޯއްޗެއް އޮތުމުގެ މައްޗަށް ބިނާކޮށް ފޯމު ބާތިލުނުކުރަން ވެސް ވަނީ އަމުރުކޮށްފައެވެ.